English Edition
Dhivehi Edition
ގޮއިދޫގައި އަޅަމުން އަންނަ ގްރީންހައުސްތައް

ށ. ގޮއިދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ގާއިމުކުރާ ގްރީން ހައުސްތަކުގެ ބޮޑު ބައި ނިމި، ދަނޑުވެރި އުފެއްދުންތައް ޕްރޮސެސްކުރާ ފެސިލިޓީއަށް ބޭނުންވާ މެޝިނަރީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެގްރިކަލްޗަ މިނިސްޓްރީން ހާމަކުރި ގޮތުގައި ގޮއިދޫގައި ހަދާ ގްރީން ހައުސްތަކުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިއީ އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަ ޑިވެލޮޕްމެންޓް (އިފާޑް) އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ގޮއިދޫގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށްގެން ބާޒާރަށް ނެރުމަށް (ވެލިއު އެޑިޝަން) ހާއްސަ ފެސިލިޓީއެއް ވަނީ އިމާރާތްކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެ ފެސިލިޓީއަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތް ކަމަށް މެޕް ޕްރޮޖެކްޓުން މައުލޫމާތު ދެއެވެ.

ގޮއިދޫ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްދާ މި މަސައްކަތްތަކުގެ ސަބަބުން، އެ ރަށުގެ ދަނޑުވެރިކަމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން އެ ރަށުގެ 10 ދަނޑަކުން ވަނީ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް (އެމްގެޕް) ސެޓިފައިޑްކޮށްފައެވެ. މިއީ 5 މޮޑިއުލް ހިމެނޭހެން ރާއްޖޭގައި މި ސެޓްފިކެޓް ހާސިލުކުރި ފުރަތަމަ ދަނޑުތަކެވެ.

ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ ގޮއިދޫގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން މެޕް ޕްރޮޖެކްޓުން އަންނަނީ ގިނަ ތަމްރީންތަކެއް ވެސް ހިންގަމުންނެވެ. މި މަސައްކަތްތައް ނިމުމުން، ގޮއިދޫ ވެގެންދާނީ ރާއްޖޭގެ ޒަމާނީ ދަނޑުވެރިކަމުގެ ނަމޫނާ ރަށަކަށެވެ.