English Edition
Dhivehi Edition
ދަނޑު ހައްދާފައިވާ ރަށެއް

އިސްލާމިކް ފައިނޭންސިން ނިޒާމުގެ ދަށުން ދަނޑުވެރިންނަށް ދޫކުރާ “ދަނޑުވެރި ނަފާ” ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ލޯނު ސްކީމް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ހއ. ކެލޭއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިއީ ކުރިން ދެމުންއައި “ނަފާ ލޯން ސްކީމް” އިސްލާމިކް ފައިނޭންސިން ނިޒާމަށް ބަދަލުކޮށް، އެ ސްކީމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ “ދަނޑުވެރި ނަފާ” ފައިނޭންސިން ފެސިލިޓީގެ މައިގަނޑު އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމެވެ. މީގެ ތެރޭގައި އާބަން އަދި ޕްރޮޓެކްޓެޑް އެގްރިކަލްޗާ، ޓެރަސް ނުވަތަ ވާޓިކަލް ގާޑްނިން، ޕޯލްޓްރީ ފާމިން، އެގްރޯ ޕްރޮސެސިން އަދި ޕްލާންޓް ނާސަރީތައް ގާއިމުކުރުން ހިމެނެއެވެ.

މި ލޯނު ސްކީމުގެ އިތުރުން “ދަނޑުވެރި މަންފާ” ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރުވެސް މިހާރު ވަނީ އިފްތިތާހުކޮށްފައެވެ. އެއީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހއ. ހދ. އަދި ށ. އަތޮޅަށް ހާއްސަކޮށްގެން ހިންގާ 15 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމެކެވެ.

މި ސްކީމްތަކަށް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ. މިއީ ރާއްޖޭގެ ދަނޑުވެރިންގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށްދީ، އިގްތިސާދު ކުރިއަރުވައި ޒުވާނުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.