އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ސަމްޕްޑޯރިއާ އަތުން 2-1 އިން އޭސީ މިލާން މޮޅުވެ ތާވަލްގެ އެންމެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑް ދެމެހެއްޓިއިރު، ތިންވަނައިގައި އޮތް ނަޕޯލީ ވަނީ ކްރޮޓޯނޭ އަތުން 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު މިލާނަށް 10 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި ނަޕޯލީ އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ނަޕޯލީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މިލާނުން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިން ކަމަށްވާ ޒަލަޓާން އިބްރަހިމޮވިޗާއި މިޑްފީލްޑަރު އިސްމާއިލް ބެންނަސާ އަދި ޑިފެންޑަރު ސިމޮން ކިޔާ އަށް ނުކުޅެވުމެވެ.
ސަމްޕްޑޯރިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މިލާނުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ އެވެ. މިއީ އެ ޓީމުގެ ތިއޯ ހެނާންޑޭޒް ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާގެތެރޭގައި ހުރި ސަމްޕްޑޯރިއާގެ ޖަކުބް ޖާންކްޓޯގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މިލާނުގެ ޒުވާން މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ އަށް ވަނީ އެ ޓީމުގެ ލީޑް ފުޅާކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޓޮނާލީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މިލާނުން ދެވަނަ ލަނޑުޖެހީ، މެޗުގެ 77 ވަނަ މިނެޓުގައި އަންޓޭ ރެބިޗް ދިން ބޯޅައަކުން ސަމޫ ކަސްޓިލޭހޯ އެވެ. ސަމްޕްޑޯރިއާ އަށް ފަރަގު ކުޑަކޮށްދިނީ މެޗުނިމެން 8 މިނެޓަށްވެފައިވަނިކޮށް އަލްބިން އެކްޑަލް ކާމިޔާބުކުރި ގޯލުންނެވެ.
މި މެޗާއެކު މިލާން ވަނީ ލީގުގައި ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފައެވެ. މީގެކުރީން، 1993 ވަނަ އަހަރު ފަބިއޯ ކަޕެއްލޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ރަށުން ބޭރުގައި ވިދިވިދިގެން ނުވަ މެޗުން މޮޅުވެފައިވާއިރު، ނީލްސް ލިއެޑްހޯލްމްގެ މިލާން ޓީމުން ވަނީ 1964 ވަނަ އަހަރުގެ ސީޒަނުގައި ރަށުން ބޭރުގައި ވިދިވިދިގެން ހަތް މެޗު ކާމިޔާބުކޮށްފައެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ނަޕޯލީން 4-0 އިން ކްރޮޓޯނޭ ބަލިކުރިއިރު، އޭއެސް ރޯމާ ވަނީ އަމިއްލަ ދަނޑުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެފައެވެ. ނަޕޯލީ އަށް ރޭގެ މެޗުގައި ލަނޑުޖަހައިދިނީ ލޮރެންޒޯ އިންސީނިއޭ އާއި ހާވިންގް ލޮޒާނޯގެ އިތުރުން ޑިއޭގޯ ޑެމްމޭ އަދި އަންދްރޭ ޕެޓާނިއާ އެވެ.