English Edition
Dhivehi Edition
އާސެނަލް ކޮޅަށް ލަނޑުޖެހުމަށްފަހު ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން އާއި ސޮން ހެއުން-މިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި ވާދަވެރި އާސެނަލް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ފަސޭހަކަމާއެކު ވުލްވްސް ބަލިކޮށްފައެވެ.

އަމިއްލަ ދަނޑުގައި އާސެނަލް އަތުން 2-0 އިން ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލްގެ ދަނޑުގައި ވުލްވްސް އަތުން މޮޅުވީ 4-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ޓޮޓެންހަމަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޓޮޓެންހަމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި 22 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ލެސްޓާ އެވެ.

ޓޮޓެންހަމް ސްޓޭޑިއަމްގައި ދެހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ލީޑްނަގައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސޮން މިލަނޑުޖަހައިދިނީ އާސެނަލްގެ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ރީތި ހަމަލާއަކުންނެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސޮން ދިން ބޯޅައަކުން އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ޓޮޓެންހަމަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ގޯލާއެކު ކޭން ވަނީ ލަންޑަން ޑާބީ މެޗުތަކުގައި މިހާތަނަށް 11 ލަނޑުޖަހައި، ރެކޯޑެއް ގާއިމްކޮށްފައެވެ.

ދެވަނަ ހާފުގައި އާސެނަލްގެ އަލެކްސެންޑަ ލަކަޒޭ އާއި ބުކާޔޯ ސާކާ އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. ލަކަޒޭ ބޮލުން ފޮނުވާލި ދެ ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް މަތަކުރިއިރު، ސާކާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހު (ކ) ވުލްވްސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ރޮއިޓާސް

އެންފީލްޑްގައި ވުލްވްސްއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ލިވަޕޫލަށް މި ލަނޑުޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަލާހު ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމެން ދަނިކޮށް ވުލްވްސްގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ޕެނަލްޓިއެއް ނޫން ކަމަށް ނިންމާފައެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ސަލާހު ނަގައިދިން ހުރަހަކުން ޖޮއެލް މެޓިޕް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ލިވަޕޫލުން ޖެހި ހަތަރުވަނަ ލަނޑަކީ ވުލްވްސްގެ ނެލްސަން ސެމޭޑޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރަށުން ބޭރުގައި ޖެމީ ވާޑީ ފަހުވަގުތު ވައްދާލި ލަނޑާއެކު ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން ލެސްޓާ ސިޓީ މޮޅުވިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަޔޯޒޭ ޕެރޭޒް އެވެ. ޝެފީލްޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ އޮލިވާ މެކްބާނީ އެވެ.

ރޭގެ އަނެއް މެޗުގައި ވިލްފްރައިޑް ޒާހާގެ އެނބުރިއައުމާއެކު ކްރިސްޓަލް ޕެލަސް ވަނީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ރަށުން ބޭރުގައި ވެސްޓް ބްރޮމް ބަލިކޮށްފައެވެ. މި މެޗުގައި ޒާހާގެ އިތުރުން ކްރިސްޓިއަން ބެންޓޭކޭ ކުރެން ކޮންމެ ކުޅުންތެރިއަކު ދެލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ވެސްޓް ބްރޮމްގެ ޑާނެލް ފާލޯންގް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ވެސްޓް ބްރޮމްގެ ހަމައެކަނި ލަނޑު، ކޮނާ ގަލަގާ ޖަހައިދިންއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ މަތެއުސް ޕެރޭރާ އަށް ވަނީ ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.