English Edition
Dhivehi Edition
ލީޑްސް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް ޗެލްސީން ތާވަލްގެ އެއްވަނައަށް ޖެހިލިއިރު، މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ފަހަތުން އަރައި 3-1 އިން ލީޑްސް ބަލިކުރިއިރު، ސިޓީ ވަނީ ފުލަމް އަތުން 2-0 އިން މޮޅުވެފައެވެ. ވެސްޓް ހޭމްގެ ދަނޑުގައި ޔުނައިޓެޑް މޮޅުވީ 3-1 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ޗެލްސީން މިހާތަނަށް ކުޅުނު 11 މެޗުން 22 ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ތިންވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 10 މެޗުން 21 ޕޮއިންޓެވެ. މިރޭގެ މެޗުތަކަށްފަހު ލިވަޕޫލްގެ އިތުރުން ޓޮޓެންހަމަށް ވެސް އެއްވަނަ އަށް އެރޭނެއެވެ. ޔުނައިޓެޑް ވެސް ރޭގެ މޮޅާއެކު ވަނީ 19 ޕޮއިންޓް ހަމަކޮށް ހަތަރުވަނަ އަށް ޖެހިލާފައެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ފަސްވަނައިގައި އޮތީ ސިޓީ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ސަޕޯޓަރުންނާއެކު މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެލްސީން ނިކުތް މެޗުގައި ކުރީން ލީޑްނެގީ ލީޑްސް އިންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޗެލްސީގެ ކުރީގެ ފޯވާޑް ޕެޓްރިކް ބެމްފޯޑް އެވެ. މިއީ ލީޑްސްގެ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ދިން ރީތި ބޯޅައަކުން ބެމްފޯޑް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ވައްދާލި ލަނޑާއެކު ޗެލްސީން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ ޕެނަލްޓީ ސްޕޮޓްމަތީން ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

ޗެލްސީން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ، 61 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާޓް ޒޫމާ އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓިއަން ޕުލިސިޗް އެވެ. މި މެޗުގައި ޗެލްސީގެ ލީޑް އިތުރަށް ފުޅާކުރުމަށް ޖަރުމަނުގެ ހަލުވި ފޯވާޑް ޓިމޯ ވާނާ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީން އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މެޗުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް ލީޑްނަގައިދިނީ ރަހީމް ސްޓާލިން އެވެ. އޭގެފަހުން، މެޗުގެ 26 ވަނަ މިނެޓުގައި ފުލަމްގެ ކުޅުންތެރިއަކު ސިޓީގެ ސްޓާލިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޑި ބްރޭނާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގައި ސިޓީގެ ލީޑް ފުޅާކުރުމަށް ޑި ބްރޭނާ އަށް ލިބުނު ތިން ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތްނުވިއިރު، އޭނާ ފޮނުވާލި އެއް ހަމަލާ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. ފުލަމްގެ އިވާން ކަވަލޭރޯ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު، ފުރަތަމަ ހާފުގައި ފްރޭންކް ޒަމްބޯ އަންގުއިސާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ލީގުގައި ރޭ ލަންޑަން ސްޓޭޑިއަމްގައި ދެ ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސްޓް ހޭމުންނެވެ. ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް މިލަނޑު އެ ޓީމަށް ޖަހައިދިނީ ތޯމަސް ސޫޗެކް އެވެ. އޭގެފަހުން، އެ ޓީމުގެ ލީޑް ފުޅާކުރުމަށް ޕަބްލޯ ފޯނާލްސް އާއި ސެބާސްޓިއަން އަލާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ފެނުން އާދައިގެ ކުޅުމުގެ ސަބަބުން ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ދެވަނަ ހާފަށް އެ ޓީމު ނިކުތްއިރު ބްރޫނޯ ފެނާންޑޭސް އާއި މާކަސް ރަޝްފޯޑް ކުޅެން އަރުވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 65 ވަނަ މިނެޓުގައި ފެނާންޑޭސް ދިން ބޯޅައަކުން ޕައުލް ޕޮގްބާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، އޭގެ ތިން މިނެޓުފަހުން ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ރީތި ގޯލަކާއެކު ޔުނައިޓެޑުން ވަނީ ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ. އަދި އޭގެފަހުން، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ހުއާން މަޓާ ދިން ރީތި ބޯޅައަކުން ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބާންލީގެ ދަނޑުގައި އެވަޓަން ވަނީ 1-1 އިން އެއްވަރުވެފައެވެ. މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ރޮބީ ބްރެޑީގެ ގޯލުން ބާންލީ ކުރިހޯދާފައިވަނިކޮށް ސީޒަނުގެ ކުރީކޮޅު ދެއްކި މޮޅު ކުޅުން ނުދެއްކި މިވަގުތު ފޯމް ގެއްލިފައިވާ އެވަޓަން ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިނގިރޭސި ފޯވާޑް ޑޮމިނިކް ކެލްވަޓް-ލެވިން އެވެ. މި ގޯލާއެކު ކެލްވަޓް-ލެވިން ވަނީ ލީގުގައި މިހާތަނަށް 11 ގޯލްޖަހައި، ލަނޑުލިސްޓުގެ ކުރީގައި ހަމަޖެހިލާފައެވެ.