English Edition
Dhivehi Edition

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް އައި ބްރެޒިލްގެ ރައްޔިތެއް ކަމުގައިވާ ރެނާޓޯ އަލްފްރެޑޯ (21އ) ކަމަށެވެ.

މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އޭނާ ހުއްޓުވައި، އެކްސްރޭ ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ފުލުހުންނަށް މައުލޫމާތު ދިނުމުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން، އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވުމާ ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ފެނިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.