English Edition
Dhivehi Edition
ފައިލް ފޮޓޯ

ކެންސަރު ބައްޔަކީ މިހާރު ރާއްޖޭގައިވެސް ވަރަށް އާންމު ބައްޔަކަށް ވެއްޖެއެވެ. ނުވެސް އެނގި ތިއްބާ ކުއްލިއަކަށް ތިމާގެ ހަށިގަނޑުގެ ބައެއްގައި ކެންސަރު ބަލީގެ ނުރައްކާތެރި ޖަރާސީމު ވަކިހިއްޕާލާފައިވާ ކަން އެނގޭ މީހުން މަދެއް ނޫނޭވެ. ގިނަފަހަރަށް ތިމާއަކީ މިބަލީގެ ޝިކާރައަކަށް ވެފައިވާ މީހެއްކަން އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.

އައްޑޫސިޓީގެ ރަށަކަށް ނިސްބަތްވާ ފާތުން( އަސްލުނަމެއް ނޫން) މީގެ 4 އަހަރު ކުރިން އިންޑިޔާއަށް ދިޔައީ އަހަރު ޗުއްޓީގައި އެކުވެރިންތަކަކާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މުރާލި ކަމާއި ހީވާގި ކަމާއެކު 2 ކުދިންނާއި ފިރިމީހާގެ ކަންތައްތައް ބަލަހައްޓަމުން އަމިއްލަ ވިޔަފާރި އެއް ހިންގަމުން ދިޔަ ފާތުންގެ އުމުރުން އޭރު 37 އަހަރެވެ. އިންޑިޔާގެ ޓްރިވެންޑްރަމަށް ބޭސްފަރުވާއަކަށާއި ޗުއްޓީ ހޭދަކުރުމަށް ދިޔަ ދަތުރެއްގައި އެމީހުންނާއެކު ފާތުން ދިޔައީ ހަމަ މަޖާކޮށްލުމަށެވެ. އެހެންނަމަވެސް ދަތުރު ނިމި އެންމެން ފުރަން އޮތް ދުވަހު ފާތުން އަށް އެނބުރި ރާއްޖެ އާދެވޭ ގޮތް ނުވިއެވެ. އެދުވަހަކީ އޭނާގެ ނާޒުކު ގުނަވަނަކަށް ކެންސަރު ޖެހިފައިވާކަން އެނގި އިމަޖެންސީގައި އޮޕަރޭޝަން ކުރުމަށް ހޮސްޕިޓަލް ގައި އޭނާ އެޑްމިޓް ކުރި ދުވަހެވެ.

“އަހަންނަކީ ވަރަށް ގިނައިން ޑޮކްޓަރަށް ދައްކާ މީހެއް. ކިރިޔާ ކަމެއް ވެލިޔަސް އަހަރެން ޑޮކްޓަރުންނަށް ދައްކަން. އެއްވެސް ޑޮކްޓަރަކު ދުވަހަކުވެސް މިހަކަލަ ކަމެއްގެ ވާހަކަ ނުވެސް ބުނޭ. މިފަދަ ނުރައްކާތެރި ބައްޔެއް ހަށިގަނޑުގައި ހުރިކަން ނުވެސް އެނގޭ” ފާތުން ކިޔައިދިނެވެ.

ސިއްޙަތު ރަނގަޅަށް ފަލަކޮށް ތިބޭ ގިނަ އަންހެނުންނެކޭ އެއްފަދައިން ފާތުންގެ ވެސް އަބަދުގެ ޝަކުވާ އަކީ ރީތި ހެދުމެއް އެޅިޔަސް ކިހިލިފަތް ދަށުގައި އޮންނަ ލޮކި މަސްކޮޅުގެ ވާހަކައެވެ. ވަކިން ޚާއްޞަކޮށް ވައަތް ފަރާތު ކިހިލިފަތުގައެވެ. ބައެއްފަހަރު މިވާހަކަ ޑޮކްޓަރުންގެ ގާތުގައި ވެސް ފާތުން ބުނެއެވެ. ޑޮކްޓަރުން ބުނާގޮތުންނަމަ އެއީ ހަމަ ފެޓްސް އެވެ. އެކަމާ ކަންބޮޑުވާކަށް ނުޖެހެއެވެ.

“އެފަހަރުވެސް ޓްރިވެންޑްރަމްގައި ހުރެގެން ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިން. އެއީ ވަކި ބައްޔެއް ވެގެނެއް ނޫން. އެހެންމީހުންވެސް ހޮސްޕިޓަލަށް ގޮސް ދައްކާތީ ކަމެއް ހުރެދާނެ ކަމަށް ޗެކްއަޕެއް ހެދީ. އެއްވެސް މައްސަލައެއްނެތް. އަހަރެމެން ހޭދަކުރީ މަޖާ ޗުއްޓީއެއް. ބާޒާރުކޮށް ތަންތަނަށް ގޮސް އެންމެން އެކީ މަޖާކުރީ. ބައްޔެއްގެ އެއްވެސް އަލާމާތެއް އަހަރެންގެ ކިބައަކުނެތް. ގައިގެ އެއްވެސް ތަނެއްގައި ރިއްސާތީ ނޫޅެން. އަހަރެން ހުރި ހަމަ ވަރަށް ފިޓްކޮށް” ފާތުން ކިޔައިދިނެވެ.

އެކުގައި ދިޔަ ރައްޓެއްސަކު އަނާޑިޔިލް ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރަކަށް ދައްކަން ދިއުމުން ފާތުން ވެސް އެ ޑޮކްޓަރަށް ދައްކަން ބޭނުންވިއެވެ. ޑޮކްޓަރަށް ދެއްކުމުން ހަދަން ޖެހުނު ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރު ބުނީ ފާތުންގެ އެއްވެސް މައްސަލައެއްނެތް ކަމަށެވެ. ނަމަވެސް ޑޮކްޓަރާ ދެކެވުނު ވާހަކައެއްގައި ކިހިލިފަތް ދޮށުގައި އޮތް މަސްކޮޅުގެ ވާހަކަ މަޖަލަކަށް ހަދައިގެން ފާތުން ދެއްކިއެވެ. ފާތުން އެހެން ބުނުމުން ޑޮކްޓަރު ބޭނުންވީ އިތުރަށް ބެލުމަށެވެ. އަދި އެނދުގައި ބޭއްވުމަށްފަހު ތަފާތު ގޮތްގޮތަށް ބަލައި ހެދިއެވެ. ދެންވެސް ޑޮކްޓަރު ބުނީ އެއީ ފެޓްސް ކަމަށާއި ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ވައަތު ކިހިލިފަތް ބެލުމަށްފަހު ކަނާތްފަރާތް ބަލަންވެސް ބޭނުންކަމަށް ޑޮކްތަރު ބުންޏެވެ. ފާތުން ބުނީ އެފަރާތުގައި މައްސަލައެއް ނެތް ކަަމަށެވެ. ނަމަވެސް ޑޮކްޓަރަށް މައްސަލަ ފެނުނީ ކަނާތްފަރާތު ކިހިލިފަތް ދަށުންނެވެ. ޑޮކްޓަރު ކަންބޮޑުވީ އެހިސާބުންނެވެ. އޮޕަރޭޝަން ޑޮކްޓަކަށް ވަގުތުން ދައްކަން ލޭޑީ ޑޮކްޓަރު ބުންޏެވެ. އަދި އާއިލާގެ އެއްވެސް ހިސާބަކުން ކެންސަރު ބަލީގެ އަލާމާތެއް އުޅޭތޯ ސުވާލުކުރިއެވެ. ޑޮކްޓަރުގެ ވާހަކަތަކަށް ބިރުން ހުރެ ފާތުން ބުނީ އާއިލާގައި އެފަދަ މައްސަލައެއްނެތް ކަމަށެވެ.

“އަސްލު އެހެން ބުނެވުނީ ބިރުންގޮސް. އެވަގުތަކު ހަނދާނަކުނެތް. އެކަމަކު ބައްޕަ ފަރާތު ބޮޑުބޭބެއަކު ކެންސަރު ބަލީގައި ވަނީ ނިޔާވެފައި. އަދިވެސް އެއާއިލާގެ އެހެންމީހަކަށް ކެންސަރު ޖެހުނު” ފާތުން ބުންޏެވެ.

ޖެހިގެން އައިދުވަހު އޮޕަރޭޝަން ޑޮކްޓަރަށް ދައްކައި ފާތުންގެ ޓެސްޓްތައް ހައްދަން ފެށުނެވެ. ހުރިހާ ނަތީޖާ އެއްލިބުނީ ފާތުންމެން ފުރަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. އުފާވެރި ޗުއްޓީއެއް ނިމެން އޮތް ދުވަހެވެ. ޓެސްޓްތަކުގެ ނަތީޖާއަށް ފަހު ޑޮކްޓަރުން ދިނީ ހިތި ޚަބަރެކެވެ. ހިތްދަތި ހިތާމަވެރި ޚަބަރެކެވެ. ފާތުންގެ ކަނާތްފަރާތު އުރަމައްޗަށް ކެންސަރު ޖެހިފައިވާ ކަަމަށާއި އެގުނަވަން ކަނޑާލައިގެން ނޫނީ ސަލާމަތްވާން ނެތް ކަމަަށެވެ. އޭރު ފާތުންގެ ބަލި ހުރީ ކެންސަރުގެ 3 ވަނަ ސްޓޭޖްގައެވެ. އެއްވެސް އެނގުމެއް ކެހުމެއް ނެތި ރީތިކޮށް އެހާމެ އުފާވެރިކޮށް ދިރިއުޅެމުން ދިޔަ ފާތުން ކުއްލިއަކަށް މަރުގެ ތުންފަތް މައްޗަށް ދިޔައީއެވެ.

ހަދާނެ އިތުރު ގޮތެއް ނެތެވެ. ފުރާނަސަލާމަތް ކުރެވެން އޮތް ގޮތަކީ އެއީއެވެ. އޮޕަރޭޝަން ކުރަން އޮތް ދުވަހު ފާތުން ރޮއި އާދޭސްކޮށް ޑޮކްޓަރުން ގާތު އެދުނީ ކިރިޔާވެސް ސަލާމަތް ވެވެން އޮތިއްޔާ އޭނާގެ ނާޒުކު ގުނަވަން ހަށިގަނޑުން ވަކި ނުކުރުމަށެވެ. ގުނަވަން ކަނޑާނުލައިވާނެ ގޮތެއް އޮތްތޯ ބެލުމަށެވެ. ތިއޭޓަރަށް ވެއްދި އިރުވެސް އޭނާގެ އެންމެ ފަހުގެ އެދުަމަކަށް ވީ އެކަމެވެ.

ޑޮކްޓަރުން ފާތުންގެ އެދުމަށް އިޙްތިރާމް ކުރިއެވެ. ފުރަތަމަ އޮޕަރޭޝަން ކޮށް ނިންމާލީ ގުނަވަން ބުރިނުކޮށެވެ. އެއީ ފާތުން އެގޮތަށް އެދުމުންނެވެ. ނަމަވެސް ޑޮކްޓަރުން ބުނީ ފާތުން ބުނެގެން އެގޮތަށް ހެދި ނަމަވެސް އެގުނަވަން ސަލާމަތް ކުރުމުގެ ޗާންސް ކުޑަ ކަމަށެވެ. ކަނާތް ފަރާތު ކިހިލިފަތް ދަށުން ފެށިގެން ބުރަކައްޓާއެކު ކަނާތު އުރަމަތިން އެއްކޮށް ކެންސަރުގެ ނުރައްކާތެރި ބަލީގެ ވަކި ހިއްޕާލާފައިވާ ކަމަށެވެ. ފުރާނަ ސަލާމަތް ކުރަންބޭނުންނަމަ އިތުރު ގޮތެއް ނެތްކަމަށެވެ.

ދެވަނަ އޮޕަރޭޝަން ކުރީ ފާތުންގެ ރުހުމުގައެއް ނޫނެވެ. އުމުރުން އެންމެ 37 އަހަރުގައި އޭނާގެ މޭމަތިން ގުނަވަނެއް ކަނޑާލުމަކަށް ފާތުން ބޭނުމެއް ނުވިއެވެ. ފާތުން ބޭނުންނުވިއަސް އޭނާގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ އެގޮތަށް ކަމުން އާއިލާއިން އެގޮތަށް ނިންމީއެވެ.

“އަޮޕަރޭޝަނަށް ފަހުގައި ވެސް އަހަރެން އުޅުނީ ހިތްދަތި ދިރިއުޅުމެއް. ކީމޯ ދޭން ފެށުމުން މުޅި މީހާ ހަލާކުވެއްޖެ. ބޮލުގައި އޮތް ވަރުގަދަ އިސްތަށިގަނޑު އެއްކޮށް ހުސްވެ ތަލަވި. އޭގެ ފަހުން ބާރުގަދަ ރޭޑިއޭޝަން ދޭން ޖެހުނު. ހުރިހާ ކަމަކަށް 11 މަސް ދުވަސް ހޭދަވި. އާއިލާއާއި ވަކިން އިންޑިޔާގައި ހުރި އިރު ހޭދަކުރަން ޖެހުނީ ކިޔައިދޭންވެސް އުނދަގޫ ހިތްދަތި ހަޔާތެއް” ފާތުން ކިޔައިދިނެވެ.

ފަރުވާއަށް ފަހު މިހާރު އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ފާތުން އަދިވެސް ގަވާއިދުން ޗެކަޕް ހައްދަން ޖެހެއެވެ. މިހުރިހާ ހިތްދަތިކަމަކަށް ފަހު ފާތުން ދޭން ބޭނުންވި ނަސޭހަތަކީ ކަމެއް ނެތްނަމަވެސް އުމުރުން 30 އަހަރުން މަތިވުމުން ކޮންމެ އަންހެނަކުވެސް ޗެކަޕް ހެދުން މުހިއްމު ކަމަށެވެ. އަހަރަކު އެއްފަހަރު އުރަމަތީގެ ކެންސަރ ސްކްރީން ހެދުމަކީ ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ފާތުން އަށް ދިމާވިފަދަ ހިތްދަތި ކަމެއް އެހެން އަންހެނަކަށް ލިބުމަށް ފާތުން ނޭދެއެވެ.

ޓެގު