English Edition
Dhivehi Edition

 

ނުރައްކާތެރި ބައްޔެއް ކަމަށްވާ އުރަމަތީގެ ކެންސަރަށް މާމުއި ކުޅަނދުރުގެ ވިހައިން ފަރުވާ ހޯދިދާނެ ކަން އޮސްޓްރޭލިއާގެ ސައިންޓިސްޓުންގެ ހޯދުމަކުން ދެނެގަނެވިއްޖެއެވެ. ކުޅަނދުރުގެ ވިހައާއި އޭގައި ހިމެނޭ މެލިޓިން ކިޔާ މާއްދާ ބޭނުންކޮށްގެން ކެންސަރުގެ ދެބާވަތެއްކަމަށްވާ ޓްރިޕްލް ނެގެޓިވް އާއި ހާޒްޓޫ ގައި ވާ ސެލްތައް މަރާލެވޭ ކަމަށް ރިސާޗް ޓީމުން ފާހަގަ ކޮށްފައިވެއެވެ.

އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އަންހެނުންނަށް އެންމެ ޢާއްމުކޮށް ޖެހޭ ކެންސަރުގެ ބައްޔެވެ. ކެންސަރާއި ހަނގުރާމަ ކުރުމުގައި އެތައް ސަތޭކަ ކެމިކަލް ކޮމްޕައުންޑެއް މިހާތަނަށް ހޯދިފައިވިޔަސް ސައިންޓިސްޓުން ފާހަގަ ކުރާ ގޮތުގައި އިންސާނުންނަށް ޖެހޭ ކެންސަރަށް ފަރުވާ ކުރެވެނީ މީގެތެރެއިން މަދު ބާވަތެކެވެ. މީގެ ކުރިންވެސް ކުޅަނދުރު ވިހައިން ކެންސަރުގެ އެހެން ބާވަތްތަކެއް ކަމަށްވާ މެލަނޯމާއަށް ފަރުވާ ކުރެވޭ ކަމަށް ދިރާސާއަކުން ދައްކާފައިވެއެވެ.

އޮސްޓްރޭލިޔާގެ ހެރީ ޕާކިންސް އިންސްޓިޓިއުޓް އޮފް މެޑިކަލް ރިސާޗްގެ މި އާ ހޯދުން ޝާއިޢު ކޮށްފައިވަނީ ނޭޗަރ ޕްރެސިޝަން އޮންކޮލޮޖީގައެވެ.

300 ކުޅަނދުރުގެ ވިހަ ނަގައިގެން ހެދި މިޓެސްޓު ވަރަށް ކާމިޔާބު ކަމަށް މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި ޢުމުރުން އެންމެ 25 އަހަރުގެ ޕީއެޗްޑީ ރިސާޗަރ ކައިރާ ޑަޕީ ބުނެއެވެ. އެހޯދުމުން އެނގުނު ގޮތުގައި މިވިހަ ބޭނުންކޮށްގެން އެންމެ ގަޑި އިރެއްގެ ތެރޭ ސެލްތައް މަރާލެވެއެވެ. މިތަޙުލީލުގައި ކުޅަނދުރު ވިހައާއެކު ނަގާ މެލިޓިން މާއްދާގެ ސަބަބުން ކެންސަރ ސެލް އަލުން އުފެދުންވެސް ކޮންޓްރޯލް ކުރެވެއެވެ.

ތަޙްލީލުގައި އިސްކޮށް ޙަރަކާތްތެރިވި ރިސާޗަރ ކައިރާ

ޢާއްމުގޮތެއްގައި އުރަމަތީގެ ކެންސަރަށް ފަރުވާ ކުރެވެނީ ސާޖަރީ އަކުން ނުވަތަ ރޭޑިއޯ ތެރަޕީއާއި ކީމޯތެރަޕީ ދީގެންނެވެ. ވެސްޓަން އޮސްޓްރޭލިޔާގެ އިސް ސައިންޓިސްޓުން ސިފަކޮށްފައިވަނީ މިއީ ޙައިރާންވާފަދަ ހޯދުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކެންސަރަށް ފަރުވާ ކުރެވޭނެކަމުގެ ބޮޑު އުއްމީދެއް އޮތް މި ހުވަފެން ޙަގީގަތަކަށް ހެދުމަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ފަސޭހައިން ލިބޭ މިފަދަ އާދައިގެ މާއްދާއަކުން ކެންސަރު ބައްޔަށް ފަރުވާ ކުރެވޭނެ ކަމުގެ ފެހި ސިގްނަލެއް ލިބުމަކީ މިބަލީގެ ޝިކާރައަކަށް ވެ ތަނަވަސްކަން ނެތުމުގެ ސަބަބުން ބޭސްފަރުވާއިން މަޙުރޫމްވެ ގޮތްހުސްވެފައިވާ އެތައް ބައެއްގެ އުއްމީދު އާވެގެންދާނެ ކަމެއްކަމާމެދަކު ޝައްކެތްނެތެވެ.