English Edition
Dhivehi Edition
މިދިޔަ އަހަރު ކެންސަރ ސޮސައިޓީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އުފެއްދި ޕްރޮގްރާމެއްގައި ހަދީ އިންޓަވިއު ދެނީ

“ކެންސަރ ކަމަށް ޑޮކްޓަރ ވިދާޅުވުމުން އަނެއްހެން މާބޮޑު އެއްޗެއް ހިތަކަށް ނާރާ. އެއްވެސް ވަރަކަށް ލައިފް އަށް ހޯޕްލެސް ނުވެވޭ. ހިތަށް އެރީ މި މޮޑަން މެޑިސިންގ ގަ ރަނގަޅުވާނެއޭ. ކެންސަރ ޖެހޭމީހުން ވެސް ރަނގަޅުވެފަ އެބަތިބި. އުއްމީދު ކަނޑައެއްނުލަން” މިއީ ކެންސަރުގެ ބަލި ދެނެގެނެވުނުތާ މާގިނަ ދުވަހެއް ނުވެ އެބަލީގައި ހަނގުރާމަކޮށް ކުޑަ ދުވަސްކޮޅެއްގެ ގެތެރޭގައި ނިޔާވި ޚަދިޖާ ސަޢީދު (ޕަރީ ސައީދު) ގެ ވާހަކައެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހަދީޖާ ގަބޫލު ކުރަމުން ދިޔައީ މި ބަލިން އޭނައަށް ސަލާމަތް ވެވޭނެ ކަމަށެވެ. ހޯދެވެން އޮތް ކޮންމެ ފަރުވާއެއް ހޯދައިގެން ވިޔަސް މެއެވެ. އެހެނަސް ހަދީކުރި ހަގުރާމަ ކާމިޔާބު ނުވެ ދާއިމީ ގޮވައްޗަށް ދާން ޖެހުނީ ކެންސަރ ބައްޔަށް ޑައިގްނޯސްވިތާ އަހަރަކާ ތިން މަސް ވީދުވަހު، އެބަލީގެ ހުރިހާ ވޭނެއް ތަޙައްމަލް ކުރުމަށްފަހުގައެވެ.

އުރަމަތީގެ ކެންސަރަކީ މިހާރު ރާއްޖޭގައި ކަންބޮނޑުވާހައި ހަލުވި މިނެއްގައި ގިނަ ބަޔަކަށް ޖެހެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. އުރަމައްޗަށް ކެންސަރު ޖެހި އެކަމުގެ އަސަރު ބޭރަށް އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިންފް ނޮޑިޔުލްސް ތަކަށް ކެންސަރު ސެލްތައް ދަތުރުކޮށްފައެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތުގައިވާ ލިމްފް ނޮޑިޔުލްސްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ކެންސަރ ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރ ސެލް މިގޮތަށް ދަތުރުކޮށްފައި ހުންނަ އެންމެ އާންމު ތަންތަނަކީ ކަށި، ފުރަމޭ، ފުއްޕާމޭ، އެވެ. މިއީ ހަށިގަނޑުގެ އެންމެ ގިނައިން ލޭދައުރުވާ ގުނަވަންތަކެވެ.

ހަދީއަށް ވެސް ވީ މި ގޮތަށެވެ. މައްސަރު ކަންތައް ދިމާވާ ދުވަސްތަކާއި ދިމާކޮށް އާންމުކޮށް ލަމްޕްސް ހުންނާތީ އެކަމަކާއި މާބޮނޑަކަށް ހަދީ އަޅައެއް ނުލައެވެ. އެއީ އާންމު ކަމަކަށް ވާތީއެވެ. އެހެނަސް މިދިޔަ އަހަރު ކޮވިޑް ގެ ދެވަނަ ރާޅުއައިސް ފުރަބަންދުގައިވަނިކޮށް ހަދީއަށް އާދަޔާޚިލާފު ކަމެއް ފާހަގަކުރެވި ނުފިލާ ތަދެއް ހުރެ ރިއްސާތީ އުޅެންފެށިއެވެ. އޭރު ޕްރޮޓޮކޯލް އޮންނަ ގޮތުން ކޮވިޑް ޖެހިފައިވާ ފަރާތަކަށް ގެއިން ނިކުމެވެނީ 14 ދުވަސް ފަހުން ކަމަށްވާތީ ހަދީއަށްވެސް ޖެހުނީ 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށެވެ. ހަދީއަށް ޑޮކްޓަރަށް ދެއްކުނީ އޭގެ ފަހުންނެވެ. އެއާއެކު ހަދީގެ ޓެސްޓްތައް ކުރަން ޑޮކްޓަރުން ފެށިއެވެ. އަދި ޓެސްޓް ތަކަކާއެކު ހަދީގެ ބަޔޮޕްސީވެސް ހެދިއެވެ.

ހަދީގެ ބަޔޮޕްސީ ނަތީޖާ އާއި އެކު މުޅި އެއާއިލާއަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްދަތި ކަމަކާއި ކުއްލި ސިހުމެކެވެ! އާއިލާގެ 7 ކުދިންގެ ތެރެއިން އެންމެ ހަނގު ކޮއްކޮ ހަދީ އަށް ވަނީ ބްރެސްޓް ކެންސަރު ޖެހިފައި ކަން އެނގި އެންމެންގެ މޫނުމައްޗަށް ހިތާމައާއި މާޔޫސްކަން ވެރިވިއެވެ. އެންމެ ފުރަތަމަ ހެދުނު ހަދީގެ ޕެޓް ސްކޭނުން ދެއްކީ ހަދީ ވަނީ ކެންސަރ ސްޓޭޖް 4 ގައި ކަމާއި ހަދީއަށް ޖެހިފައިވާ ކެންސަރަކީ ވަރަށްބާރަށް ފެތުރޭ ވައްތަރެއްކަމެވެ. އެހެނަސް ހަދީ ހުރީ އުންމީދުކަނޑާލާ ގޮތަކަށް ނޫނެވެ. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހަދީ ބޭނުންވީ ބޭސްފަރުވާ ކުރިޔަށް ގެންދެވެން އޮތްގޮތަކަށް ކުރިޔަށް ގެންގޮސް އެބަލިން އޭނަ ރަނގަޅުވެވޭނެ ދުވަހެއް ފެނިގެން ދިއުމަށެވެ!

ލޯފާމެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެންމެންނާވެސް ގުޅޭ އުފާވެރި މިޒާޖެއްގެ ވެރި، އުމުރުން 39 އަހަރުގެ ހަދީގެ ބަހަކަށް ވީ އެއީ ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނޫންކަމެވެ.

“އަސްލު ނެގެޓިވް ތިންކިން ވެސް މެޑިސިން އަށް ވަރަށް ބޮޑު ބަދަލު އާދެއޭ ޕޮޒިޓިވް ވިސްނުމެއްގެން ގުޅޭށޭ އެންމެން ވެސް ބުނި. ވަޒީފާވެސް ހުއްޓާލާކަށް ނުޖެހޭނެއޭ. ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުން ފަރުވާ ކުރިއަށް ގެންދެވޭނެއޭ ބުނެ ނަސޭޙަތް ދިން މީހުން ވަރަށް ގިނަ. ” މިދިޔަ އަހަރުގެ ބްރެސްޓް ކެންސަރ ދުވަހާއި ދިމާކޮށް ކެންސަރ ސޮސައިޓީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައްޔާރުކުރި ވީޑިއޯ ޕްރޮގްރާމެއްގައި ހަދީ ކިޔައިދީފައިވެއެވެ.

“އޭރު އަހަންނަށް ނޭނގޭ ކެންސަރާ ބެހޭ އެއްވެސް އެއްޗެއް. އަދި އަހަރެން ބޭނުންވީ ކެންސަރ ސޮސައިޓީއާއި އެފަދަ އެހެން ގުރޫޕްތަކާއި ގުޅެން. ކެންސަރ ޓްރީޓްމަންޓް ދޭ ގޮތާއި އަދި ކީމޯ އަކީ ކިހިނެއް ކުރިއަށް ގެންދާ އެއްޗެއް ކަމެއް ވެސް ބެލިފައެއް އޭރަކު ނެތް. އެހެންވެ ޓްރީޓްމަންޓަށް ރެޑީވާން ބޭނުންވީ އެކްސްޕީރިއެސް މީހުންގެ ސްޓޯރީސްތަކުން” އެހާ ހިސާބުން ހަދީ އެ ގުރޫޕްތަކާއި ގުޅި އެކްޓިވް ކޮށް މަސައްކަތް ފެށިއެވެ. އެގޮތުން ހަދީގެ ޓްރީޓްމަންޓް ކުރިއަށް ދާއިރު އަމިއްލަ އެކްސްޕިރިއަންސް ޝެއަރ ކުރުމާއި އެހެން މީހުންނަށް ހިތްވަރު ދިނުން ފަދަ ކަންތައް ތައް ހަދީ ކުރިއެވެ.

ހަދީގެ އާއިލާން ބުނީ ކެންސަރ ސޮސައިޓީގެ އެހީތެރިކަން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ލިބިގެން ދިޔަކަމަށާއި އެ ގުރޫޕްތަކުން ހަދީއަށް އަބަދުވެސް ހިއްވަރުދެމުން ދިޔަކަމަށެވެ.

“އަސްލު ވަރަށް މުހިއްމު ކަމެއް ކެންސަރ ބަލި ކަން ދެނެގަނެވޭ ހިސާބުން ފެށިގެން ކެންސަރ ސޮސައިޓީއާއި ގުޅި މި ބައްޔާއި ބެހޭ ގޮތުން އިތުރަށް ހޯދައި ހެދުން. އެތަނުގެ އެންމެން ވަރަށް ސަޕޯޓިވް. އެކަކު އަނެކަކަށް ވަރަށް އެހީތެރިވެދޭ” ހަދީގެ ދައްތައަކު ކިޔައިދިނެވެ.

“އާއިލާގެ އެހީތެރިކަމާއި ސަޕޯޓް ވަރަށް ބޮޑަށް ލިބިގެން ދިޔަ. ކީމޯ ފެށުމުގެ ކުރިން ވެސް އާއިލާގެ ހުރިހާ ދައްތަމެންނާއި ބޭބެމެން އެއްކޮއް ގެޓްޓުގެދަރ ހަދައި އުފާވެރި ވަގުތައް ހޭދަކުރި. ހުރިހާ އެންމެންގެ ލޯތްބާއި އަޅާލުން ވަރަށް ބޮޑަށް ލިބިގެން ދިޔަ. ވަރަށް ކެއަރިން ފީލިންގްސް އެއްއައީ ޚާއްޞަކޮށް ހުރިހާ ސިބްލިންގެ ފަރާތުން. ” ބައްޔާއެކުވެސް ހަދީ އެންމެ އުފާވި ކަންތައް ތަކަކީ އާއިލާގެ ސަޕޯޓާއި އަޅާލުމާއި ލޯތްބެވެ. ހަދީ ބުނި ގޮތުގައި އެވަގުތު ހަޔާތުގެ ވަގުތުތަކީ ކިހާ މުއްހިމު އަގުބޮޑު ހިނދުކޮޅުތަކެއް ކަމުގެ އިޙްސާސް ކުރެވުނެވެ.

ހަދީ އާއިލާގެ މެމްބަރުނާއެކު. ހަދީ ބުނީ ބޭސްފަރުވާއާއެކު އެންމެ ބޮޑު ހިތްވަރެއް ލިބުނީ އާއިލާމެމްބަރުގެ ފަރާތުން ކަމަށް

“ކެންސަރ ކަން އެނގުނީމަ ވަރަށް ގިނަ މީހުން ގުޅާފަ ހާލު ބަލާ. ހީވޭ ޑެތް ސެންޓެންސަކަށް ދެވުނީހެންވެސް އެމީހުންގެ ވާހަކަތައް ހުންނަ ގޮތުން. ވަރަށް ގިނަ މީހުން ގުޅާފަ ބުނާނެ ވަރަށް ދެރަވެއޭ ޚަބަރު ލިބުނީމަ އެކަހަލަ ވާހަކަ ދެއްކީމަ އަސްލު ވަރަށް އުނދަގޫވި. އެންމެން ކާރީގަ ވެސް ބުނަން ޕޮޒިޓިވް ކޮށް ވިސްނާށޭ. ދެރަނުވާށޭ އެމީހުންގެ ދުޢާގައި ހަދީ އަށް ހެޔޮ ދުއާކޮށްދޭށޭ. އިންޝާﷲ ރަނގަޅު ވާނެއޭ” އެ އިންޓަވިއުގައި ހަދީ ކިޔައިދީފައި ވެއެވެ.

އުއްމީދުން ފުރިގެންވީ ހަދީ ބޭނުންވީ ކެންސަރުގެ މޫތައް ހަރުލާފައި ހުރި އެގުނަވަން ވަކިކޮށްލައިގެން ނަމަވެސް ބަލިން ގަދަ ވެވޭތޯއެވެ. ހަދީގެ ފަރުވާ ކުރިއަށް ގެންދިޔައީ ރާއްޖޭގައި އާއިލާގެ އެންމެންނާއެކު ހުރެގެންނެވެ. ހަދީގެ ކޮންމެ ކީމޯ އެއް ފުރިހަމަކޮށް ނިމޭއިރަށް އާއިލާއިން ހަދީއަށް ސަޕްރައިޒް ދީ އުފާވާނެ ކަހަލަ ކަންތައް ރޭވިއެވެ. އާއިލާގެ އެންމެންގެ ފަރާތުން ދޭ ސަޕްރައިޒް މެސެޖްތަކުން ހަދީގެ ހިތްވަރު އާލާކޮށްދިނެވެ.

ކެންސަރ ޖެހިފައިވާ ގުނަވަން ވަކިކުރުމުގެ ސާޖަރީއަށްފަހު އެންމެންގެ ހިތްވަރު އަލުން އާލާވިއެވެ. ރޭޑިއޭޝަން ދީގެން މިބަލިން ފަސޭހަވާނެ ކަމުގެ އުންމީދުގައި ސާޖަރީއަށްފަހު 3 ހަފްތާ ފަހުން ހަދީ ދެން ތައްޔާރުވީ ރޭޑިއޭޝަނަށެވެ.

“އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ރޭޑިއޭޝަން ނަގަމުން ދަނިކޮށް ބޮލުގައި ރިއްސާތީ އެކަމާ ޑޮކްޓަރާ މަޝްވަރާކުރެވުމުން ތިއީ ރޭޑިއޭޝަންގެ ސައިޑް އިފެކްޓެއް ކަމަށް ވެދާނެކަމަށް ބުނުއްވި. އެހެންނަމަވެސް މާބޮޑަށް ބޮލުގައި ރިއްސާތީ ދެއްކުމުން ތިކަމަށް މިވަގުތު ދެވޭނެ ފަރުވާއެއް ނެތްކަމަށާއި ޕެޓް ސްކޭނެއްވެސް ދެން ހެދޭނީ 3 މަސްފަހުން ކަމަށް ބުނުއްވި. 16 ރޭޑިއޭޝަން ނިމިގެން މާލެ އައީ އުންމީދާއެކު. އެހެން ނަމަވެސް ބޮލުގައި ރިއްސާ ރިއްސުމަށް ބަދަލެއް ނައި” ހަދީގެ ދައްތަ އަކު ކިޔައިދިނެވެ.

ހަދީގެ މި ފަރުވާގެ ދުވަސްތަކަށް ދެން އައީ މާ އުނދަގޫ ދަތި ދުވަސް ތަކެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހޮސްޕިޓަލަށްދާން ޖެހެއެވެ. މިގޮތުން ބޮލުގެ ރިހުން މާބޮޑަށް ހުރެ ޓްރީޓޮޕް ހޮސްޕިޓަލުން ހެދުނު އެމް.އާރް. އައި އަކުން އަނެއްކާވެސް އެނގުނީ ސިކުނޑީގެ 8 ތަނަކަށް ވަރަށް ބޮނޑަށް ކެންސަރު ފެތުރިފައިވާކަމެވެ.

“އޭރު އިތުރު ފަރުވާއަށް ފުރޭވަރަށް ސްޓޭބަލްއެއްވެސް ނޫން. އެހެން ނަމަވެސް 4 ދުވަހުގެ އެންޓިބައޮޓިކް އެއްގެ ފަހުން ދެން ޓްރީޓްމެންޓް ޕްލޭންކުރެވުނީ ބެންގްލޯރ ގެ އެޗް.ސީޖީ ހޮސްޕިޓަލުން. އެތަނުން ބޮލަށް ސައިބަރ ނައިފް ރޭޑިއޭޝަން ދެވުނު. އެހެން ނަމަވެސް ހަދީ މާބޮޑަށް ބަލިވެ އަސީޔޫގައި ވެގެންދިޔަ 3 ހަފްތާ ވީ ޑޮކްޓަރުންނާއި އާއިލާވެސް މާޔޫސްކަމަށް ދިޔަ 3 ހަފްތާ. އެއްވެސް އެއްޗެއް ނުކެވި ވޭނުގައި އޮތް ތިން ހަފްތާ. ހަދީގެ އެންމެ ދޮށީ ދައްތަ ދަތުރުފެށީ ހަދީއަށް ކާންދީ ވަރުޖައްސަން. އައިސީޔޫގައި ހަދީއާއެކު ހުރެ ހަދީ އަށް ކާންދެވެން ފެށުމާއިއެކު އަނެއްކާވެސް ލިބުނީ އާ އުންމީދެއް. ޑައިޓް ޕެލޭނެއްގެ ދަށުން ހަދީގެ ކެއުމުގެ ކަންތައް ބެލެހެއްޓި ބޭބެމެނާއި ދައްތަ. އަލްހަމްދުލިއްލާހް. އޭގެ ދުވަސްކޮޅެއްފަހުން ޑިސްޗާޖް ކޮށްލެވުނު” ދައްތަ ކިޔައިދިނެވެ.

ލޯބިލޯބި 3 ކުދިންގެ މަންމަ ހަދީއަކީ އަބަދުވެސް ކުދިންގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ މީހަކަށް ވާތީއާއި ކުދިންނާ ބައްދަލުމަށް ބޭނުންވުމުން އާއިލާއިން އެކަން ފަހިކޮށްދިނެވެ. ހަދީ މާލެއައީ މާލެއިންވެސް ކީމޯ ނެގޭތީ މާލެއިން ކީމޯ ކުރިއަށް ގެންދިއުމަށެވެ. 2 ވަނަ ކީމޯ މާލެއިން ދިނުމަށްފަހު 3 ވަނަ ކީމޯއަށް ގޮސް ދެވޭގޮތް ނުވުން ވެގެންދިޔައީ ފެތުރެމުން ދިޔަ ކެންސަރަށް އިތުރަށް ފެތުރުމަށް ލިބުނު ފުރުސަތެކެވެ. އަނެއްކާވެސް އިތުރު ފަރުވާއަށް ފުރަން ޖެހުނީއެވެ.

ހަދީ އޭނަގެ 3 ކުދިންނާއި ފިރިމީހާ އާއި އެކު

އިންޑިއާއިން ހަދީއަށް ފަރުވާދެމުންގެންދިޔަ ޑޮކްޓަރ ވެސް ތަކުރާރުކޮށް ހަދީއަށް ތައުރީފްކުރިއެވެ. ހިތްވަރާއިއެކު ކެންސާރ އާއި ފައިޓް ކުރަމުންދާތީއެވެ.

“އެހެންނަމަވެސް މިފަހަރު ވެގެންދިޔައީ ވަރަށް ޗެލެންޖިން ކަމަކަށް އެތައް ކަމަކަށް އެއްފަހަރާ ފަރުވާހޯދަންވީ ވަރަށް ހިތްދަތި ވޭން ހުރިކަމަކަށް. އޮގަސްޓް ފަހު ހަފްތާގައި ހަދީގެ ބަލި އިތުރަށް ބޮޑުވެ ދެން އިތުރަށް ބޭރުގައި ތިބެގެން ދެވޭނެ ފަރުވާއެއް ނެތްކަމަށް ޑޮކްޓާރ ވިދާޅުވުމާއެކު ލިބެން އޮތް އެންމެ އަވަހަކަށް ރާއްޖެއައީ” އާއިލާއިން މާޔޫސްވީ އެހިސާބުންނެވެ.

އޭރުވެސް ހަދީ ބޭނުންވީ އަދި ބުނަމުން ދިޔައީ އިތުރު ފަރުވާ ބޭނުންކަމަށެވެ. ނަމަވެސް އޭރު ކެންސަރުގެ މޫތައް ހަދީގެ މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ފެތުރިފައިވުމާއެކު އެންމެންގެ ލަފާގެ މަތިން ރާއްޖެ ގެނައީއެވެ.

“ނިޔާވުމުގެ 3 ދުވަސް ކުރިން ވެސް ބޭބެ ކައިރިން އެހި ތިމަންނަ ދެން ރަނގަޅުވާނީ ކިހިނެއް ހަދައިގެން ހޭ. އުއްމީދު ކަނޑާނުލާ އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް ކެއްތެރިކަމާއެކު ކުރިޔަށްދިޔަ. މީހުން ވަކިކުރަން އެނގޭ.” ހަދީގެ ދައްތަ ކިޔައިދިނެވެ.

ކުޑަ ކުޑަ 3 ކުދިންނާއި ލޯބިވާ ފިރިމީހާ އަދި އާއިލާއާއި އެކުވެރިންނާ ވަކިވެ އެންމެންގެ “ޕަރީ ސައީދު” މި ދުނިޔެއާއި ވަކިވީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ، އޮކްސިޖަން މާ ބޮނޑަށް ދަށްވެ މުޅި ހަށިގަނޑަށް ކެންސަރގެ މޫތައް ފެތުރި އެކަމުގެ ވޭނުގައި އޮވެއެވެ.

ހަދީގެ ހިތްދަތި ވަކިވުމާއި އެކުވެސް އާއިލާއިން އެދެނީ ހަދީއަށް ކެނޑިނޭޅި އޯގާތެރިކަމާއެކު ފަރުވާދެއްވި އައިޖީއެމް އެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާ ކުރުމަށެވެ. ވަކިން ޚާއްޞަކޮށް ކެންސަރ ޑޮކްޓަރ، ޑރ ޝިފާން އާއި އޮންކޮލޮޖީ ޑޮކްޓަރ ، ޑރ އަމްރު އަދި ބެންގަލޯރުގެ އެޗްސީޖީ ގެ ޑޮކްޓަރ ރޯޝްނީ އާއި އެ ޑޮކްޓަރ ގެ ޓީމުގެ އިތުރުން ކެންސަރ ސޮސައިޓީއަށް ފަށްފަށުން ޝުކުރު އަދާކުރުމަށެވެ. ހަދީ ކުރަމުންދިޔަ ކެންސަރުގެ ހަނގުރާމައިގައި އާއިލާއާއި އަދި ހަދީއަށް އެންމެ ބޮނޑަށް އެހީތެރިވެދެއްވި ބަޔަކީ އެއީ ކަމަށްވީތީއެވެ.

މާތް ﷲ މަރުހޫމާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާށި އާމީން!

ޓެގު

1 ކޮމެންޓް
faathun
ސެޕްޓެމްބަރު 24, 2022
hadhee ah heyo rahmaiy lavvaa suvaruge minvaru kuravvaandheyve.