އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ދެކުމެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.
3 ރަށުގެ އަންހެންކަނބަލުން ގުޅިގެން ބާއްވާ މި ދެކުން އޮންނާނީ ފޭދޫ ފުއްޓަރު ފަރާތުން ދިގިހެރަ ސަރަހައްދުގައެވެ. ބޮޑުބެރާއި، މަލާފަތާއި އަދި ބިލަށް މަލާފަތް ފަދަ ސަގާފީ ކުޅިވަރުތަކާއެކު ބާއްވާ މި ހަރަކާތުގެ މަގުޞަދަކީ ނަރުދަމާގެ މަސައްކަތް ކުރާ ސަރަހައްދާއި، މަސައްކަތައް ގެނެސްފައިވާ، ސާމާނު އަމިއްލަޔަށް ބަލާލުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ފަހި ކޮށްދިނުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އައިބީ ވިދާޅުވިއެވެ.
“މި ހަރަކާތުގެ އެއްމަގުޞަދަކީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ފުރިހަމަކުރުމުގެ ގޮތުން ހިންގަމުންދާ ބޮޑެތި މަޝްރޫއު ތަކުގެ އަގު ވަޒަން ކުރުން. ފާއިތުވި ހުރިހާ ދައުރުތަކުގައިވެސް ރައްޔިތުން އަބަދުވެސްތިބީ މިފަދަ ތަރައްޤީއަށް ބޭނުންވެފައި . މިކަންތައްތައް ފަހި ވެގެން މިދަނީ ހަމަ އެކަނި ރައީސް ޔާމީންގެ ސަރުކާރުގައި” އައިބީ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ ނަރުދަމާ ނިޒާމްގެ އިތުރަށް އެއާޕޯޓް ހެދުމާއި، ސްކޫލްތައް އެޅުމާއި، މަގުތައް ހެދުންފަދަ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާ ކަމަށާއި އުންމީދަކީ ނަރުދަމާގެ މަސައްކަތްވެސް ކަނޑަ އެޅިފައިވާ ތާރީޚަށް ނިންމުން ކަމަށެވެ.
އައްޑޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫއު އިފްތިތާޙް ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ލަންކާގެ ސިއަރާ ކުންފުންޏާ ހަވާލުކުރި ހުޅުމީދޫގެ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު އައްޑޫގެ އިތުރު 3 ރަށެއްގެ މަސައްކަތް މި މަހުގައި ފެށިގެންދާނެއެވެ.