ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ބްރެޒިލްގެ ތަރި ނޭމާ ވައްދާލި ދެލަނޑާއެކު ފްރާންސްގެ ޕީއެސްޖީން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު އާކޮށްފިއެވެ.
ރޭގެ މެޗުތަކަށްފަހު ގްރޫޕް އެޗްގެ އެއްވަނައިގައި އުޅޭ ޕީއެސްޖީއާ ދެވަނައިގައި އޮތް ޔުނައިޓެޑްގެ އިތުރުން ތިންވަނައިގައި އޮތް އާރްބީ ލީޕްޒިގަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެންމެ ފުލުގައި އުޅޭ އިސްތަންބޫލް ބަސަކްޝެހީރް ވަނީ ރޭ އަމިއްލަ ދަނޑުގައި ލީޕްޒިގު އަތުން 4-3 އިން ބަލިވެ، މިހާތަނަށް ލިބިފައިވާ ތިން ޕޮއިންޓާއެކު މި މުބާރާތުން ކަޓާފައެވެ.
މިއާއެކު މި ގްރޫޕުގައި ބާކީ އޮތް މެޗުތަކުގެ ނަތީޖާ އޮތްގޮތުން ޕީއެސްޖީގެ އިތުރުން ޔުނައިޓެޑާއި ލީޕްޒިގަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ފަހު މެޗުގައި ލީޕްޒިގާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް އަނެއް ބުރުގެ އޮތްއިރު، ލީޕްޒިގަށް ފުރުސަތު ލިބޭނީ ޔުނައިޓެޑް އަތުން މޮޅުވެގެންނެވެ. ލީޕްޒިގަށް ދެން ފުރުޞަތު އޮންނާނީ ބަސަކްޝެހީރް އަތުން ޕީއެސްޖީ އަށް މޮޅުނުވެވިއްޖަނަމަ އެވެ. ޕީއެސްޖީ އަށް އަނެއް ބުރުން ޖާގަ ކަށަވަރުކުރުމަށްޓަކައި ބަސަކްޝެހީރް ބަލިކުރަންޖެހެއެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޕީއެސްޖީ އިންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ނޭމާ އެވެ. އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޕީއެސްޖީގެ ޕޯޗުގަލް މިޑްފީލްޑަރު ޑަނީލޯ ޕެރޭރާގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ނެތީސް ޔުނައިޓެޑްގެ ފްރެޑް އާއި ޕީއެސްޖީގެ ލެއަންޑްރޯ ޕަރެޑޭސްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގެ ތެރެއިން ފްރެޑް ވަނީ ބޮލުން ޕަރެޑޭސްގެ ބޮލުގައި ޖަހާފައެވެ. މިކަމާ ގުޅިގެން ފްރެޑް އަށް ރަތް ކާޑު ދައްކަންޖެހޭނެ ކަމަށް ބުނެ ޕީއެސްޖީގެ ކުޅުންތެރިން އެޕީލްކުރިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑްގެ ރަޝްފޯޑާއި އެޑިންސަން ކަވާނީ ގުޅިގެން އުފެއްދި އެޓޭކަކުން އެ ޓީމުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އަށް ލަނޑުޖެހުމަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މި ބޯޅަ ކުޑަ އޭރިޔާތެރެއިން މާޝިއަލް ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޕީއެސްޖީން ފުރަތަމަ ފަހަރަށް ލީޑްނެގީ، މެޗުގެ 69 ވަނަ މިނެޓުގައި ކެޕްޓަން މާކީނޯސް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ މިނެޓެއްފަހުން ޕީއެސްޖީގެ އެންޑާ ހެރޭރޭ އަށް ކުރި ފައުލަކަށް ޔުނައިޓެޑްގެ ފްރެޑަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވެފައިވާއިރު، މެޗުގެ އިތުރުވަގުތުގައި ޕީއެސްޖީގެ ލީޑް ފުޅާކޮށްދިނީ ނޭމާ އެވެ. މިއީ ދެވަނަ ހާފުގައި ކުޅެން ނިކުތް ރަފީނިއާ އަލްކަންތާރާ ތަނަވަސްކުރި ފުރުޞަތަކުން ނޭމާ ކާމިޔާބުކުރި ގޯލެކެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ޗެލްސީން ޖެހި ހަތަރު ގޯލްވެސް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ. ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ވަނީ އިނގިރޭސި ދެ ކްލަބެއްގައި ހުރެ ޗެމްޕިއަންސް ލީގުގެ ހެޓްރިކެއް ހެދި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، އިނގިރޭސި ފޯވާޑް މައިކަލް އޮވެން ވަނީ ލިވަޕޫލާއި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހަދާފައެވެ. ޖިރޫ ކުރިން ހެޓްރިކް ހެދީ އާސެނަލްގެ ޖާޒީގައެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަޝިޔާގައި ކްރަސްނޯޑާ ވަނީ 1-0 އިން ރެނެސް ބަލިކޮށްފައެވެ. ރޭގެ ނަތީޖާއާއެކު ޗެލްސީ އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެން އެއްވަނައިގައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ސެވިއްޔާ ވެސް ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދި ކްރަސްނޯޑާ އެވެ. ރެެނެސް އެންމެފުލުގައި އޮތީ އެއް ޕޮއިންޓާއެކު އެވެ.
މި މުބާރާތުގައި ރޭ އިޓަލީގެ ލާޒިއޯއާ ދެކޮޅަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން 1-1 އިން އެއްވަރުވި ނަމަވެސް އެ ޓީމު ވަނީ ނޮކްއައުޓް ބުރުން ޖާގަ ހޯދާފައެވެ. އެ ޓީމުން ރޭގެ މެޗާ ކުރިމަތިލިއިރު އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް އާލިން ހާލަންޑަށް ނުކުޅެއެވެ. ޑޯޓްމަންޑްގެ ލަނޑު، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފުލްބެކް ރަފައެލް ގުރޭރޯ އެވެ. ދެވަނަ ހާފުގައި ލާޒިއޯ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޗީރޯ އިމޯބިލޭ އެވެ.
ޑޯޓްމަންޑުން 10 ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގައި އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަރުން ދެވަނައިގައި އޮތީ ލާޒިއޯ އެވެ. ހަތް ޕޮއިންޓާ އެކު ތިންވަނައިގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އޮތްއިރު، ފުލުގައި އެއް ޕޮއިންޓާ އެކު އޮތް ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް ވަނީ ކަޓާފައެވެ.
ޔޫރަޕްގެ ގަދަބާރުތައް ކަމަށްވާ ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް ވަނީ މި މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. ޔޫކްރޭންގެ ޑައިނަމޯ ކިއޭވް އަތުން 3-0 އިން ޔުވެންޓަސް މޮޅުވިއިރު، ބާސެލޯނާ ވަނީ ހަންގޭރީގެ ފްރެންސްވަރޯސް އަތުން ހަމަ މިނަތީޖާއިން މޮޅުވެފައެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު ކެޕްޓަން ލިއޮނަލް މެސީ އާއި ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަންގެ އިތުރުން ފްރެންކީ ޑި ޔޯން އަށް އަރާމުކުރުމުގެ ފުރުޞަތުދީފައިވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އާއި އޮސްމާނޭ ޑެމްބެލޭ އަދި މާޓިން ބްރެއިތުވެއިޓް އެވެ.
ޔުވެންޓަސްގެ ގޯލްތައް ޖަހައިދިނީ ފެޑެރީކޯ ޗިއެސާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އަލްވާރޯ މޮރާޓާ އެވެ. ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއަކު އިންސާފު ކުރި މެޗެވެ.