English Edition
Dhivehi Edition

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ، “ކަސްޓަމަރ ސަރވިސް” ތަމްރީން ޕޮރޮގްރާމެއް ގދ. ތިނަދޫ އެވިޑް ކޮލެޖްގެ ކެމްޕަސް ގައި ފަށައިފިއެވެ.

މި ތަމްރީން ޕޮރޮގްރާމަކީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ހުނަރުތައް ތަރައްޤީ ކުރުމުގެ މަގްޞަދުގައި ހޮސްޕިޓަލް އިން އިންތިޒާމް ކޮށްގެން އެވިޑް ކޮލެޖް އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމް އެކެވެ. ހޮސްޕިޓަލްގެ އެކިއެކި ޑިޕާރޓްމަންޓްތަކުގެ 25 މުވައްޒަފުން ބައިވެރިވެފައިވާ މި ތަމްރީން ޕްރޮގްރާމްގެ މުއްދަތަކީ 16 ގަޑިއިރެވެ.

މިއަދު ފެއްޓި މި ޕްރޮގްރާމްގެ ސެޝަންތަށް 5 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ރޭގަނޑު 7:00 އިން 10:00 އެވިޑް ކޮލެޖްގައި ކުރިޔަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައި ދެއްވާނީ އެވިޑް ކޮލެޖް ގެ ޑެޕިއުޓީ ވައިސް ރެކްޓަރ ފަޔާޒް ހަސަން ، ސީނިއާރ ލެކްޗަރަރ މަރިޔަމް ނިޔާފް، އެކަޑަމިކް މެނޭޖަރ ޝަޒިއްޔާ އަހްމަދު އަދި ލެކްޗަރަރ ޝައިސްތާ އަލީ އެވެ.

އެވިޑް ކޮލެޖުން ހާމަކުރި ގޮތުގައި މި ޕްރޮގްރާމް ނިމޭއިރު ޙާޞިލްވާނެ ބައިތަކުގެ ތެރޭގައި ކަސްޓަމަރުންނަކީ ކޮބައިކަމާއި، ޙިދުމަތެއް ހޯދަން އަންނަ ބަޔަކަށް ޙިދުމަތެއް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދޭނެ ގޮތްތަކަކީ ކޮބައިކަން އަދި ތަނުގެ ފެންވަރާއި ތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކަސްޓަމަރ ސަރވިސްގެ މުހިންމުކަން ބައިވެރިންނަށް އެނގިގެންދާނެއެވެ.

އެވިޑް ކޮލެޖުގެ 15 ވަނަ އަހަރީ ދުވަހާއި ގުޅިގެން ތިނަދޫ ގައި ހުޅުވި އެ ކޮލެޖުގެ ކެމްޕަހުގައި މިހާރުވެސް އަންނަނީ 200 އަށް ވުރެން ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންނެވެ. ގދ. ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.