އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ފްލައިން ސްކޫލުގެ ކުދިން ތަކެއް ވަކި ކުރި މައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއި މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރ މިފަދައިން ޓުވީޓް ކުރައްވައިފައިވާއިރު ދާދި ފަހުންވެސް އެ ސްކޫލުން ވަނީ 15 ދަރިވަރަކު ވަކިކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަރިވަރުންނަށް ކޯހުން ވަކި ކޮށްފައިވާކަން އަންގައި މެއިލް ކޮށްފައިވަނީ އިއްޔެއާއި މިއަދެވެ. އަދި މެއިލް ތަކުގައި ކޯހުން ވަކި ކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ސްކޫލުން ގަބޫލުކުރާ މިންވަރަށް ކޯސް ފުރިހަމަކޮށްފައިނުވާ ކަމަށް ބަޔާން ކޮށްފައިވާ އިރު މިއަދު ފައިނަލް ޓެސްޓް ހެދި 3 ދަރިވަރަކުވެސް ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވަކި ކުރި ބައެއް ދަރިވަރުން ވަކި ކޮށްފައިވަނީ އެއްވެސް އިންޒާރަކާއި ނުލައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މީގެ ކުރިންވެސް މިގޮތަށް ފްލައިން ސްކޫލުން ދަރިވަރުން ތަކެއް ވަކިކޮށްފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމާއި އެކު އެކުދިންގެ މައްސަލަ އަލުން ރިވިއު ކުރުމަށް އެ ސްކޫލުން ނިންމިއެވެ. އަދި އެ މައްސަލައިގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައްޑޫ ފްލައިން ސްކޫލަށް ދަރިވަރުންގެ ކޯސް ޕްރޮގްރެސް ޕްލޭން ހަދައި ހުށަހެޅުމަށާއި އިތުރު ކުދިން އެ ސްކޫލަށް ނުނެގުމަށް އަންގާފައެވެ.