ލިޔުނީ: މުހައްމަދު ހިޒްޔަމް
އައްޑޫ ސިޓީ މީދޫ މުލިމަތި ޖަމްޢިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެން ބަހުސްކުރުމުގެ މުބާރާތެއް ބާއްވަން އެ ޖަމްމިއްޔާއިން ނިންމައިފިއެވެ
މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކްލަބްތަކަށާއި، މަދަރުސާތަކަށް އަދި އަމިއްލަ ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.މުލިމަތި ޖަމްމިއްޔާއިން ބުނީ މި މުބާރާތުގެ މަޤްޞަދަކީ ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެއްދުންކަމަށެވެ.
މުބާރާތުގެ ގަވައިދުގައިވާ ގޮތުން މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި މަދުވެގެން 3 ބައިވެރިން ހިމަނަންޖެހޭއިރު، ބަދަލު ބައިވެރިންގެ ގޮތުގައި 2 ބައިވެރިން ހިމަނަންޖެހެއެވެ، އަދި ޓީމްގައި ހިމެނޭ ބައިވެރިންނަކީ އެ މުޢައްސަސާއެއްގައި ނުވަތަ ޖަމްޢިއްޔާއެއްގައި މަސައްކަތްކުރާ ބަޔަކަށްވުން މަޖުބޫރު ނޫންކަމަށް އެ ޖަމްމިއްޔާއިންވަނި ބުނެފައެވެ. އެހެންނަމަވެސް، އެ ޓީމަކާ ޙަވާލުވެ ހުންނާންޖެހޭ މަސްޢޫލުވެރިޔާއަކީ އެތަނަކަށް ނިސްބަތްވާ އިސް ފަރާތަކަށް ވާންޖެހޭނެކަމަށާއި މި މުބާރާތުގައި ހުޅުދޫ-މީދޫގެ ރައްޔިތުންނަށް އިސްކަދިނުމަށް ގަވައިދުގައިވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، މުއައްސަސާ، ޖަމްމިއްޔާ ޖަމާއަތްތަކަށް، އެއް ޓީމަށްވުރެ ގިނަ ޓީމުވެސް މުބާރާތުގައި ބައިވެރިކުރެވިދާނެ ކަމަށް އެ ޖަމްމިއްޔާއިން ވަނީ ބުނެފައެވެ.
މި މުބާރާތުގައި އެންމެ މޮޅު ބަހުސް ކުރުންތެރިޔާއަށާއި، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޓީމަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ހަނދާނީ ލިޔުން ދެވޭނެކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެ ޖަމްޢިއްޔާގެ ޕޭޖުގައިވާ ފޯރމް ފުރިހަމަކުރުމަށްފަހު، 10 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ޖަމްޢިއްޔާއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ޖަމްމިއްޔާއިންވަނީ އދިފައެވެ.
މުލިމަތި ޖަމްޢިއްޔާއަކީ އައްޑޫސިޓީ މީދޫގެ ތަރައްޤީއަށް މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިންވަނީ މީގެ ކުރިންވެސް ރަށުގެ އިޖްތިމާޢީ އެތަކެއް ޙަރަކާތްތަކެއް ހިންގާފައެވެ.