English Edition
Dhivehi Edition
ފޮޓޯ: ރާއްޖެ.އެމްވީ

2019 ވަނަ އަހަރުގެ ކުރީ ކޮޅު، ވ. ރަކީދޫގައި ގަސްތުގައި މުހައްމަދު އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ޝަރީއަތުގެ ހުކުމް ކުރިން ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

އާފިޔާގެ މައްޗަށް ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރާއިރު ހުކުމް އިއްވުން ފަސްކޮށްފައިވަނީ އޭނާ ވަކީލެއްގެ އެހީތެެރިކަން ބޭނުންވާ ކަމަށް ބުނުމުންނެވެ. އާފިޔާ އެ ގޮތަށް އެދުމުން ދައުލަތުން ވަނީ އޭނާގެ ވަކީލެއްގެ ގޮތުގައި އަލްއުސްތާޛާ އާމިނަތު ރުކުޝާނާ އިބްރާހިމް ހަމަޖައްސައިދީފައެވެ. ކުރީގެ އަޑުއެހުންތަކުގައި އާފިޔާ ވަކީލަކާއެކު ކުރިއަށްދާން ބޭނުން ނުވާ ކަމަށް އާފިޔާ ބުނެފައިވުމާއި ގުޅިގެން މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައި ވަނީ ދިފާއީ ވަކީލަކާ ނުލަ އެވެ.

އާފިޔާގެ ފަރާތުން ވާހަކަ ދައްކަވަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަލްއުސްތާޛާ ރުކުޝާނާ ވިދާޅުވެފައިވަނީ މި މައްސަލާގައި އާފިޔާ ބޭނުން ވަނީ މައްސަލައިގައި ހިމެނޭ ހުރިހާ ލިޔެ ކިޔުންތައް އަލުން ދިރާސާ ކުރުމަށް ފަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވަން ކަމަށާއި އެހެން ކަމުން އޭނާ އަށް އެ ފުރުސަތު ދީ މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މި މައްސަލައިގެ ހުރިހާ ލިޔެ ކިޔުމެއް ދިރާސާކޮށް، އާފިޔާ އާއި މާފުށީ ޖަލުގައި ބައްދަލުކޮށް މި މައްސަލަ އާއި ގުޅިގެން މަޝްވަރާތަކެއް ކުރުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށްވެސް އަލްއުސްތާޛާ ރުކުޝާނާ ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ގާޒީ ސަމީރު ވިދާޅުވީ ޚުލާސާ ބަޔާން ހުށަހެޅުމަށް އާފިޔާއަށް ކުރިން ދިން ފުރުސަތުގައި އޭނާ ވާހަކަ ދެއްކީ ވަރަށް ކުރުކޮށް ކަމަށާއި އެކަމަކު ވަކީލަކު އައްޔަން ކޮށްފައިވާތީ އެ ފުރުސަތު އަލުން ދެވިދާނެ ކަމަށެވެ. އަދި މި މައްސަލާގައި އަލުން ވަކީލަކާއެކު ކުރިއަށް ދިޔުމަށް އާފިޔާއަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެހެން ކަމުން 10 ދުވަސް ދިނުމަށް އިއުތިރާޒެއް ނެތް ކަމަށްވެސް ގާޒީ ސަމީރު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ގާޒީ ވަނީ މި މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިބްތިހާލް މަރާލި މައްސަލައިގެ ހުލާސާ ބަޔާން އިއްވައި އަޑު އެހުންތައް ނިންމާލައިފައިވާ އިރު އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ މާޗު މަހުގެ 12 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކުރުން ތާވަލު ކުރުމަށް ނިންމަވާފައެވެެ. އެހެން ނަމަވެސް މާޗު މަހުގެ 12 ވަނަ ދުވަހަށް އެ މައްސަލަ ތާވަލުކޮށްފައެއް ނުވެއެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއްގެ ހުކުމް އިއްވަން ޖެހޭނެ އެވެ.

އިބްތިހާލް މަރާލި މައްސަލައިގައި ތުހުމަތު ކުރެވިގެން ބަންދު މުއްދަތު ޖަހަން އާފިޔާ ވ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އޭނާ ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ. އަދި ތަހުގީގުގައި އޭނާ ވަނީ އިބްތިހާލް އަށް އޭނާ ކުރި އަނިޔާތަށް ތަފްސީލުކޮށް ކިޔައިދީ އޭނާ އިބްތިހާލް މަރާލީ އިބްތިހާލް އަކީ “ބައްޕަ ނެތް ކުއްޖަކަށް” ވާތީ ކަމަށްވެސް ބުނެފައެވެ. އަދި އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައިވެސް އެކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، ފަހުން މުޅި ރާގު ބަދަލުކޮށް، ކްރިމިނަލް ކޯޓުގައި އާފިޔާ ބުނެފައި ވަނީ އިބްތިހާލްއަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ މަރާނުލާ ކަމަށެވެ. އަދި ކުރިން އަނިޔާ ދިން ކަމަށް ބުނީ ބަޔަކު ބިރު ދައްކައި މަޖުބޫރު ކުރުމުން ކަމަށް ވެސް އާފިޔާ ބުންޏެވެ.

2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އައިޖީއެމްއެޗްގައި އިބްތިހާލް ބެއްލެވި ޑޮކްޓަރު އަހުމަދު ޒިޔާން ހެކިބަސް ދެއްވަމުން ވިދާޅުވެފައިވަނީ އިބްތިހާލްގެ ކަރުގައި ނިޔަފަތީގެ ނިޝާންތަކެއް ހުރި ކަމަށާއި އެ ނިޝާންތަކަކީ އަނިޔާ ލިބުނުތާ މާ ގިނައިރުތަކެއް ނުވާ “ފްރެޝް” ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ވަރަށް ބާރަށް ކަރުގައި ހިފުމުން ހުރި ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށާއި އިބްތިހާލް މަރުވީ ނޭވާ ހުއްޓުވާލައިގެން ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން އިބްތިހާލްގެ މޭކަށިގަނޑު އޮތީ ބިނދިފައި ކަމަށާއި އިބްތިހާލްގެ ތުންފަތާއި ބަނޑަށް އަދި މެޔަށް ވެސް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް ޑރ. ޒިޔާން ވަނީ ކޯޓުގައި ވިދާޅުވެފައެވެ. އަދި ކުރިމަތި ފަރާތަށް އަނިޔާވެފައި ހުރި ކަމަށާއި ބޮލަށް ވެސް އަނިޔާތަކެއް ލިބިފައި ހުރިކަން ޑރ. ޒިޔާން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އިތުރު ލަކުނުތަކެއް ވެސް އިބްތިހާލްގެ ހަށިގަނޑުގައި ހުރި ކަމަށާއި އެކަމަކު އެއީ ކިހާ ދުވަހެއް ވެފައިވާ ލަނުތަކެއް ކަން ނޭނގޭ ކަމަށް ޑރ. ޒިޔާން ވިދާޅުވި އެވެ.