English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ދަޢުވާގެ ދެފަރާތުން ހެކިން ހާޒިރުކޮށްދޭނެ ކަމުގެ ޔަޤީންކަންދޭ ޙާލަތުގައި، އެމައްސަލައެއްގައި މެދުނުކެނޑި ޝަރީޢަތްކުރުމަށް (ކޮންޓިނިއުސް ހިއަރިންގ ބޭއްވުމަށް) ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަރުޙަބާ ކިޔައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް މަރުޙަބާ ކިޔާ ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެގޮތަށް ޝަރީޢަތްތައް ގެންދިއުމަކީ އެ އޮފީހުން އެދޭ ކަމެއްް ކަމަށެވެ.

“ހަރުދަނާކޮށް މަސައްކަތް ކުރެވިއްޖެނަމަ، ޖިނާއީ ޢަދުލުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު އިތުރު ކުރެވޭނެއެވެ.”، އެ ޓްވީޓްގައި ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަޢުވާ ލިބޭ ކޮންމެ މީހެއްގެ މައްސަލައެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތްކޮށް، މައްސަލަ ނިންމުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކުރާ ‘މެދުނުކެނޑި ޝަރީޢަތްކޮށް ނިންމުން’، އެ މަފްހޫމްގެ ދަށުން މައްސަލަތައް އިތުރަށް އަވަސްކޮށް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ އާންމު މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގައި މިވަގުތު މަސައްކަތްކުރައްވާ ނުވަ ޤާޟީން ތިއްބެވިއިރު، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިއްބަވާ ޤާޟީން ފިޔަވައި، ކޮންމެ ޤާޟީއަކު ކޮންމެ ދުވަހަކުވެސް އާންމު ގޮތެއްގައި އެވްރެޖްކޮށް 8 މައްސަލަ ތާވަލްކުރައްވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ޙާޒިރުކުރެވޭ މީހުންގެ މައްސަލަތައް ބެލުމާއި، ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަކީވެސް ޤާޟީން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ބުނީ މެދުނުކެނޑި ޝަރީޢަތްކޮށް ނިންމުމަކީ މިހާރުވެސް އެ ކޯޓުން ބަލާ މައްސަލަތަކުގައި ޢަމަލުކުރެވެމުންދާ ގޮތް ކަމަށެވެ. އެގޮތުން މައްސަލައިގެ ޝަރީޢަތުގެ ދެ އަޑުއެހުމުގެ ދޭތެރޭގައި މާގިނަ މުއްދަތެއް ހޭދަނުވާ ފަދައިން އަޑުއެހުންތައް ތާވަލްކޮށްގެން ކުރިއަށްގެންދާ ކަމަށް ކޯޓުން ބުނެއެވެ.

“މީގެ އިތުރުން މައްސަލަތައް އަދިވެސް އިތުރަށް އަވަސްކޮށް ނިންމުމަކީ، ދަޢުވަ ލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތަށް އަދި މުޅި މުޖުތަމަޢުއަށް އެކަމުގެ ފައިދާ ލިބިގެންދާ ކަމެއް ކަމުގައި ޤަބޫލުކުރެވޭތީ، “މެދުނުކެނޑި ޝަރީޢަތްކޮށް ނިންމުން” (ކޮންޓިނިއުސް ހިއަރިންގ) އިތުރަށް ތަރައްޤީކޮށް އެކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ކްރިމިނަލް ކޯޓުން ދަނީ ބަލަމުންނެވެ.”، އެ ބަޔާނުގައި ވެއެވެ.