English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

މިއަދުން ފެށިގެން “ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާ ގުޅޭ ޚާއްޞަ ޤަވާއިދު” އަށް ޢަމަލު ކުރަން ފަށައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ސޮއިކުރައްވައި ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން، ރާއްޖޭގައި ޢަންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގައި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 211 ވަނަ މާއްދާ (ހ)ގެ 03 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ “ޝަރީޢަތްކުރުމާ ބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤަވާއިދު”ގެ 06 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި މުއްދަތުގައި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމާ ގުޅޭ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، “ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށްގެންދިއުމާ ގުޅޭ ޚާއްޞަ ޤަވާއިދު”ގެ ނަމުގައި ޤަވާއިދެއް ހަސައި، މިއަދުން ފެށިގެން އެ ޤަވާއިދަށް ޢަމަލުކުރަމުން ގެންދާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާއިރު، މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1،444،821 އަށް އަރައިފަ އެވެ. އަދި އެ ބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު 83،103 އަށް އަރާފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 309،110 އެވެ. ކޮވިޑް-19 އަށް ރާއްޖެއިންވެސް މިހާތަނަށް 19 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.