ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އޭޕްރީލް 15 އިން ފެށިގެން މާލެ ފުރަބަންދު ކޮށްފައިވީނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަޑިއިރު ކޯޓުން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެދުވަހުން ފެށިގެން މެދުކެނޑިފައި ވަނީ ޝަރީޢަތުގެ އަޑުއެހުންތައް ކަމުގައިވިޔަސް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ކޯޓަށް މީހަކު ހާޒިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް މެއި 10 ވަނަ ދުވަހުން ފެށިގެން ހިންގަން ފެށުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ ޝަރީޢަތްތައް ކުރިއަށްގެންދާނީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ “ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދު”ގައިވާ ގޮތުގެ މަތިން ކަމަށެވެ.
އެއީ ޤާނޫނުގެ އަސާސީގެ 51 ވަނަ މާއްދާގެ (ޅ)ގައި ‘އެމީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުން’ މިއީ ދަޢުވާ ލިބޭ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމުގައި ކަނޑައަޅާފައިވުމާއި، އެ ޙައްޤަށް އުނިކަމެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުމް ކަމަށްވެފައި، މިހާތަނަށް ޤާނޫނަކުން އެއަށް ހަނިކަމެއް ގެނެސްފައިނުވާތީ، ދަޢުވާ ލިބޭ ފަރާތް ފަނޑިޔާރުގެ ކުރިމަތީގައި ހާޒިރުވެ ނުހުންނަ ހާލަތުގައި ޝަރީޢަތް ކުރިއަށް ނުގެންދެވޭތީ ކަމަށެވެ. އަދި ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އޭނާ ރުހިއްޖެނަމަ، ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު އޭނާއަށް ދޫކޮށްލެވޭ ފަދައިން، އެ ޙައްޤު އޭނާ ދޫކޮށްލީ ކަމަށް ބެލެވޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަދައިގެން ޝަރީޢަތް ހިންގުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އެހެނިހެން އިދާރީ މަސައްކަތްތަކާއި، ނުލިޔެވި ހުރި ރެކޯޑިންތައް ލިޔުމުގެ މަސައްކަތާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް ހެދުމުގެ މަސައްކަތްތަކާއި، ކުށުގެ ރެކޯޑު ސާފުކޮށް ދިނުމުގެ މަސައްކަތް އަދި ރެޖިސްޓްރޭޝަންގެ މަސައްކަތްތަކަށް މުވައްޒަފުން ގޭގައި ތިބެގެން ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.