ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.
މި ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ރައީސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވާފައެެވެ. އެގޮތުން ފަލަސްތީނުގައި އަމަންއަމާންކަމާއި، އިންސާފު ޤާއިމުކޮށް، މިނިވަން ދައުލަތެއް ހޯދުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއެކު ދެމިތިބޭނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ތަޙައްމަލުކުރަންޖެހިފައިވާ ހިތްދަތިކަމާއި ދިރިއުޅެމުންދާ ދަތި އުނދަގޫ ޙާލަތު ބަދަލުކޮށް، ފަލަސްތީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 27 އިން 28ހަށް ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާއި ކަމަށް ވިދާޅުވެފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހަކީ 1947 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ރާއްޖެއިން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައިވެސް ވަކާލާތު ކުރަމުންނެވެ.