English Edition
Dhivehi Edition
ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓްގެ މަސައްކަތް ނުނިމޭތީ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ހަތެއް ޑިސެމްބަރާއި ހަމައަށް ދަންމާލަން މަޖިލީހުން ފާސްކޮށްފި އެވެ.

ދައުރު ދަންމާލަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި 48 މެމްބަރުން ވަނީ ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ އެކަމަކު މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ދައުރު ދިގުކޮށްލެވޭނެއެވެ.

އާދީއްތަ ދުވަހަކީ އާއްމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫން ނަމަވެސް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށްޓަކައި މިއަދު ވަނީ ޖަލްސާއެއް ބާއްވާފައެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހެއްގައެވެ.

މަޖިލިސް ޗުއްޓީއަށް ދާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ފަހު އެވެ.