English Edition
Dhivehi Edition

ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައި، އެކަން ކުރެވޭނެ ގޮތާއި، އެމަގު ފަހި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން، މެމްބަރު ޝަހީމް ވިދާޅުވިގޮތުގައި ގެސްޓު ހައުސް ވިޔަފާރި ފެށިގެންދިޔައިރު ގިނަ ބައެއްގެ ނުރުހުން އެކަމަށް އަމާޒުވި ނަމަވެސް މިހާރު ރައްޔިތުންނަށް އެ ވިޔަފާރީގެ ސީދާ ނަފާ ލިބޭ ކަމުގައެވެ. އަދި ގެސްޓް ހައުސް ވިޔަފާރި ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވެންޖެހޭކަން އޭނާ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މެމްބަރު ޝަހީމް ވިދާޅުވިގޮތުގައި މިއަދު ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނުމުން ދެން ވާނީ ކިހިނެއްތޯ ކަމަށާއި އެ ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ. އަދި އެކަން (ރަށްރަށުގައި ބަނގުރާ ވިއްކުން) ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް މެމްބަރު ޝަހީމް ވިދާޅުވި އެވެ.

“މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ،” މެމްބަރު ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން މެމްބަރު ޝަހީމް ވިދާޅުވީ، ދިވެހިންގެ އަގީދާއަކީ ބަލިކަށި އެއްޗެއް ނޫން ކަމަށާއި، ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ޒަމާނާ އެއްގޮތަށް ބަދަލުވާން ޖެހޭ ކަމަށެވެ.

“ކޮންމެ ކަމެއްވެސް ކުރެވޭނެ ގޮތެއް އޮންނާނެ. އެ ގޮތް އަޅުގަނޑުމެން ހޯދަން މި ޖެހެނީ. އަޅުގަނޑުމެން އެ ގޮތް ހޯދައިގެން މި ރާއްޖެ ކުރިއަށް ގެންދަން އަޅުގަނޑުމެން މި ޖެހެނީ،” މެމްބަރު ޝަހީމް ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށައެޅި ބިލްގެ ކޮމެޓީ މަރުހަލާގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން ވެސް ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރަން ގޮވާލާފައެވެ. އެގޮތުން މެމްބަރު ޝިޔާން ވިދާޅުވެފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ރާ ލިބެން ހުންނަ ކަމަށާއި ރިސޯޓުތަކުގައި ރާ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަކީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދިވަޑައިގަންނަވާ ކަމެއް ކަމުގައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވިގޮތުގައި ރަށު ބޭރުގައި ނުވަތަ ފަޅާއި ފަރުގައި ނަމަވެސް، ރާ ވިއްކޭނެ ފަދަ ފެސިލިޓީއެއް ޤާއިމުކުރަން ޖެހޭ ކަމަށާއި އެފަދަ ގޮތެއް ރަށްރަށުގައި ޤާއިމުކުރެވިފައި ނެތުމުން މިހާރު އުކުޅަސް ތޮއްޑޫ އަދި ރަސްދޫއަށް އަންނަ ފަތުރުވެރިން ގެންދަންޖެހެނީ 45 މިނިޓުގެ ލޯންޗު ދަތުރެއްކޮށްފައި ރިސޯޓަށް ކަމުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖައްސައި ހުއްދަ ދިނުމުގެ ގަވާއިދެއް އެކުލަވާލައިލި ނަމަވެސް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމުން އިހްތިޖާޖް ކުރަން ފެށުމުން ފަހުން އެ ގަވާއިދު ވަނީ ބާތިލްކޮށްފައެވެ.