ދެކުނުގެ ތަރައްގީ ކުރަން ޖެހޭނީ، އައްޑޫ އަތޮޅާއި، ފުވައްމުލައް އަދި ހުވަދު އަތޮޅަށް ގުޅިގެން ތިން އަތޮޅަށް މަންފާ ލިބޭ ގޮތަކަށް ކަމަށް ފުވައްމުލައް މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދު ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މެމްބަރު ހުސެއިން ވިދާޅުވިގޮތުގައި ‘ޑީސެންޓްރަލައިޒް’ ކުރުމަކީ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ގާއިމުކުރުން ކަމަށް ނުދެކޭ ކަމަށެވެ.
“ލާމަރުކަޒު ވުމުގެ މާނައިގައި އަޅުގަނޑުމެންނަށް މަސައްކަތް މިކުރެވެނީ އަޅުގަނޑަށް ހީވަނީ އެހާބޮޑަށް އިގްތިސާދީ ގޮތުން ފައިދާ ހުރި ގޮތަކަށް ނޫންހެން. އަޅުގަނޑުމެން އެބަޖެހޭ ވިސްނަން މި ރާއްޖޭގައި މިލިބޭ އާމްދަނީ، ކުޑަ އާމްދަނީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އަތޮޅަކީ އެ އަތޮޅެއް ވަކިން ދައުލަތެއް ހިންގޭ ވަރުގެ ގައުމެއް ނޫން” މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވިއެވެ.
މެމްބަރު ހުސެއިން އިތުރަށް ވިދާޅުވިގޮތުގައި ދިވެހިރާއްޖެއަކީ ކުޑަ އާބާދީ އެއް އޮތް މަދު ރިސޯސްތަކެއް ލިބިފައިވާ ގައުމަކަށްވާއިރު ހުރިހާ ރައްޔިތުންވެސް އެއްކޮށް މަސައްކަތްނުކޮށް ގައުމު ތަރައްގީ ނުކުރެވޭނެ ކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މެމްބަރު ހުސެއިން ވަނީ ބަޖެޓު ހެދި ތަރައްގީގެ މަޝްރޫއުތައް ރޭވޭއިރު ގާނޫނެއް ހެދުމުގެ މުހިއްމުކަމާއި ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ގަވާއިދުގެ ސަބަބުން ރައްޔިތުން އަތުން ޓެކްސް ނަގައިގެން ސަރުކާރަށް ލިބޭ އާމްދަނީ އިން މުސްތަގުބަލުގައި ސަރުކާރުން ހިންގާނީ ކޮން މަޝްރޫއުތަކެއްތޯ ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކޮށް ފާސް ކުރަން ހުށައެޅިފައިވާ ބަޖެޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ހުސެއިން ވިދާޅުވިގޮތުގައި އަންނަ އަހަރަށް ލަފާ ކޮށް ބޮޑު ބަޖެޓެއް ހުށައެޅިފައިވާއިރު ސަރުކާރުން އެ ބަޖެޓު ހަރަދުވަނީ ކޮން ގޮތަކަށްތޯ ކައިރިން ބެލުމަކީ މުހިންމު ކަމެއް ކަމުގައެވެ. އެގޮތުން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ކައުންސިލް ތަކުގެ އޮޑިޓް ނުނިމި ވާތީ އެކަމާއި ގުޅިގެން މެމްބަރު ހުސެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ސަރުކާރު ނިސްބަތްވާ ބައެއް ކުންފުނިތަކުގެ އޮޑިޓް ނުނިމިވާކަން ވެސް މެމްބަރު ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުުރުން މެމްބަރު ހުސެއިން ވަނީ ފުވައްމުލަކަކީ ގިނަ ރައްޔިތުން ތަކެއް ރަށުގައި އުޅޭ ރަށަކަށް ވާއިރު ރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުކަމަށް ފާހަގަކުރައްވާފައެވެ، އެގޮތުން މާލޭގައި ހުރި ސަރުކާރުގެ އޮފީސްތަކުގެ ވަޒީފާތައް ރަށްރަށަށް ބަދަލު ކުރަމުން އަންނަ އިރު އެފަދަ ވަޒީފާތައް ފުވައްމުލަކުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އަދާކުރެވޭނެ ފަދަ ގޮތެއް ހޯދައި ދިނުމަކީ ފުވައްމުލަކުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމުގައިވެސް ފާހަގަކުރައްވާފައެވެ.