English Edition
Dhivehi Edition
ފުލުހުން ނައްތާލި ބަނގުރާފުޅިތައް ފޮޓޯ: ޕޮލިސް އެމްވީ
މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު، އޭނާގެ އަތުން ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށް ބުނުމުން، ކޯޓުން އޭނާ ބަންދުކޮށްފިއެވެ. މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ތަފާތު ވާހަކަތަކެއް ދައްކައިފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އަތުން ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއެއް ކަމަށާއި، އެ ފުޅި ނުވެސް ކަނޑާ ކަމަށެވެ. މީގެއިތުރުން އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ގްރާމް ވެސް ހަމަނުވާނެ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވި ގާޒީ ނެރުއްވި އަމުރުގައި ވަނީ، އޭނާ ދެއްކި ވާހަކަތަކަށް ބަލާއިރު ވެސް ތުހުމަތުކުރެވޭ ކުށް ކުރިކަން ސާބިތުވާ ކަމަށެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށް، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ޓެގު