އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ވައްދާލި ލަނޑާއެކު ރަށުން ބޭރުގައި ސައުތެމްޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް މުހިއްމު މޮޅެއް ހޯދިއިރު، ޗެލްސީއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު ލަންޑަން ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ސައުތެމްޓަންގެ ދަނޑުގައި 3-2 އިން ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީގެ ދަނޑުގައި ޓޮޓެންހަމާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗުތަކަށްފަހު ޓޮޓެންހަމް ވަނީ އަލުން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ރޭގެ މެޗަށް އެ ޓީމު ނިކުތުމުގެ ކުރީން ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 1-1 އިން ބްރައިޓަންއާ އެއްވަރުކޮށް 10 މެޗުން ހޯދީ 21 ޕޮއިންޓާއެކު އެއްވަނަ އަށް އަރާފައެވެ. ޓޮޓެންހަމަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި ޗެލްސީ އޮތްއިރު، ހަތަރުވަނައިގައި ނުވަ މެޗުން 18 ޕޮއިންޓާއެކު އޮތް ލެސްޓާ ސިޓީ އަށް މިރޭގެ މެޗު ކާމިޔާބުކުރެވިއްޖެނަމަ ތާވަލްގެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ. ޔުނައިޓެޑް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ހަމަކޮށް ލީގުގެ އަށްވަނަ އަށް ޖެހިލާފައެވެ.
ސޭންޓް މޭރީސްގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ސައުތެމްޓަނުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރީން ދެލަނޑުގެ ލީޑެއްނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 23 ވަނަ މިނެޓުގައި ކެޕްޓަން ޖޭމްސް ވޯޑް-ޕްރައުސް ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްދިނީ ޔާން ބެޑްނަރެކް އެވެ. އޭގެ ދިހަ މިނެޓުފަހުން، ލިބުނު ހިލޭޖެހުމަކުން ސައުތެމްޓަންގެ ދެވަނަ ލަނޑުޖަހައިދިނީ ވޯޑް-ޕްރައުސް އެވެ. އޭގެކުރީން، ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އާއި ބްރޫނޯ ފެނާންޑޭސް އަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މި ދެ ކުޅުންތެރިން ސައުތެމްޓަންގެ ޕެނަލްޓީއޭރިޔާތެރެއިން ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ ކީޕަރު އަލެކްސް މެކާތީ ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސައުތެމްޓަންގެ ވޯޑް-ޕްރައުސް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި ގޯލްގެ އަރިމަތީދަނޑީގައި ޖެހި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުމުން ދެވަނަ ހާފަށް އެ ޓީމުން ނިކުތްއިރު އޭނާގެ ބަދަލުގައި އިނގިރޭސި ކީޕަރު ޑީން ހެންޑަސަން ވަނީ ކުޅެން ނެރެފައެވެ.
ޔުނައިޓެޑުން ދެވަނަ ހާފަށް ނިކުތްއިރު ހެންޑަސަންގެ އިތުރުން މިފަހަރުގެ ސީޒަނަށް ހިލޭ ޓްރާންސްފާގައި އެ ޓީމާ ގުޅުނު އުރުގުއޭގެ ފޯވާޑް ކަވާނީ ވަނީ ކުޅެން އަރުވާފައެވެ. މިއާއެކު އެ ޓީމުގެ ފޯވާޑްލައިން އިތުރަށް ވަރުގަދަވެގެން ދިޔައިރު، މެޗުގެ 60 ވަނަ މިނެޓުގައި ކަވާނީ ދިން ބޯޅައަކުން ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ 14 މިނެޓުފަހުން ފެނާންޑޭސް ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިިޔާތެރޭގައި ފެނުޖެހުނު ބޯޅަ ބޮލުން ފޮނުވާލައިގެން ކަވާނީ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، ކަވާނީ ޖަހައިދިނީ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ.
ސްޓެމްފޯޑް ބްރިޖްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ޗެލްސީންނެވެ. މި މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، ޗެލްސީގެ ކުޅުންތެރިންނަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންކުރެވޭގޮތްނުވެފައެވެ.
މުޅި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓް ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ވަނީ މަތަކޮށްފައެވެ. އޭގެފަހުން، ޓޮޓެންހަމްގެ ޑިފެންޑަރު ޖޯ ރޯޑޮން އަށް ހެދުނު ގޯހަކުން ޗެލްސީގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން ލޮރިސް ވަނީ އެ ބޯޅަ ސަލާމަތްކޮށްފައެވެ.
ލީގުގައި ރޭ އާސެނަލްގެ ދަނޑުގައި އެ ޓީމުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-1 އިންނެވެ. މިއާއެކު އެ ޓީމު ވަނީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 27 ވަނަ މިނެޓުގައި ވުލްވްސްގެ ޕޯޗުގަލްގެ ފޯވާޑް ޕެޑްރޯ ނެޓޯގެ ގޯލުން ލީޑްނަގާފައިވަނިކޮށް، ތިން މިނެޓުފަހުން އާސެނަލުން އެއްވަރުކުރީ ވިލިއަން ތަނަވަސްކުރި ފުރުޞަތަކުން ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް އެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޑެނިއެލް ޕޯޑެންސް ވަނީ ވުލްވްސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.