އައްޑޫސިޓީއަށް ހޭންޑްބޯލް ތައާރަފް ކުރުމަށް ހިންގި ދިހަދުވަހުގެ ތަމްރީން ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މަރަދޫފޭދޫ އުޖާލާ ޕްރީސްކޫލުގައި މިމަހު ނަވާރަވަނަދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އައްޑޫސޮޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބެވެ. މި ޕްރޮގްރާމުގައި 32 މީހުން ބައިވެރިވިއެވެ. އޭގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވަނީ 24 ބައިވެރިންނެވެ. މަރަދޫފޭދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ކޯޗުކޮށްދިނުމާއި، ރެފްރީކަން ކުރުމާއި، މުބާރާތެއް ރާވައި ހިންގާނެ ގޮތުގެ ތަމްރީން ދީފައިވެއެވެ.
މިއީ މޯލްޑިވްސް ހޭންޑް ބޯލްއެސޯސިއޭޝަނާއި، އައްޑޫސިޓީކައުންސިލާއި، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މަފްސީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. ޕްރޮގްރާމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވަނީ ހޭންޑުބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝާނެވެ.
ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި މީހުންގެ ތެރެއިން ފާސްވިކަމުގެ ސެޓްފިކެޓް ހާސިލްކުރި މީހުންނަށް ކޯޗިންކޯސް ލެވެލް ތިނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރެފްރީކޯސް ލެވެލް ތިނެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.