English Edition
Dhivehi Edition

އައްޑޫސިޓީއަށް ހޭންޑުބޯޅަ ރޭ ތައާރަފް ކުރުމާ ގުޅިގެން އެކުޅިވަރު ކުޅޭނެ ބިމެއް ހަމަޖައްސައި ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. އައްޑުއަށް ހޭންޑުބޯޅަ ތައާރަފް ކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު އޭއޯނިއުސްއަށް ފޯނުން ދެއްވި އިންޓަވިއުގައި ސޯބެ ރޭ ވިދާޅުވި ބިން ހަމަޖައްސައިދިނުމުގެ ބާރު ކައުންސިލަށް މިހާރު ނޯންނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބިމެއް ހަމަޖައްސައި ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. “ކުރިއަށްއޮތް ތަނުގައި ސްޕޯޓްސް އެރީނާ އައްޑޫގައި ގާއިމް ކުރައްވާ ކަމަށްވާނަމަ އެ މަޝްރޫއުގެ ތެރޭގައިވެސް ހޭންޑުބޯޅަ ކުޅެވޭނެ ތަނެއް ހިމެނުމަށް މަސައްކަތް ކުރާނަން. އެއީ އިންޑޯ އަދި އައުޓުޑޯ ކުޅިވަރެއް. އަދި ދެޖިންސުގެ މީހުންނަށްވެސް ކުޅެވޭ ކުޅިވަރަކަށްވާތީ މިހާރު އެންމެ މުހިންމު ކަމަކަށްވާނީ ކުޅިވަރު ކުޅެވޭނެ ބިމެއް،” ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޭންޑުބޯޅަ ފަދަ ގަދީމީ ކުޅިވަރެއް ކިންތަންމެ ޒަމާނަކަށްފަހު ނަމަވެސް އައްޑުއަށް ތައާރަފް ވުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. ހޭންޑުބޯޅަ ތައާރަފްވުމުން އިތުރު ކުޅިވަރެއް ކުޅުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދިޔައީ ކަމަށް ސޯބެ ވިދާޅުވިއެވެ. “އައްޑޫގައި މިހާރުވެސް އެބަތިބި އެކުޅިވަރަށް ލޯބިކުރާ އެ ކުޅިވަރު ކުޅެންބޭނުންވާ އެތައްބަޔަކު. މިސާލަކަށް ނެޓްބޯޅައިގެ އިތުރަށް ހޭންޑުބޯޅަ ކުޅުމުގެ ފުރުސަތު އަންހެނުންނަށްވެސް ލިބިގެން މިދިޔައީ. މިކުޅިވަރުން ހުނަރުވެރި މޮޅު ކުޅުންތެރިން އުފެދިގެންދާނެ ކަމަށް އުންމީދު ކުރަން،” ސޯބެ ވިދާޅުވިއެވެ. އައްޑުއަށް ހޭންޑުބޯޅަ ތައާރަފް ކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފައިވަނީ މަރަދޫ ބޮނޑުގޭގައެވެ. އެ ރަސްމިއްޔާތުގައި ކުޅިވަރު ތައާރަފް ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގެވެ. އެ ރަސްމިއްޔާތުގައި ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝާން ބައިވެރިވެ ވަޑައިގެންނެވިއެވެ.