English Edition
Dhivehi Edition

މޯލްޑިވްސް ހޭންޑް ބޯލްއެސޯސިއޭޝަނާއި، އައްޑޫސިޓީކައުންސިލާއި، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މަފްސީ ގުޅިގެން އައްޑޫސިޓީއަށް ހޭންޑްބޯލް ތައާރަފް ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. ހޭންޑުބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝާން ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު މިރޭ 8:45 ގައި މަރަދޫ ބޮނޑޮގޭގައި އޮންނާނެ ކަމަށެވެ. މި ޕްރޮގްރާމުގައި، ކޯޗިން، ރެފްރީ، އަދި މުބާރާތެއް ރާވައި ހިންގާނެ ގޮތުގެ ތަމްރީން ދޭނެއެވެ. ޖުމްލަ ދިހަ ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި މިހާތަނަށް ތިރީސް މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ ގަޑިތައް ހަމަޖައްސާނީ މިރޭ ބާއްވާ އިފްތިތާހީ ރަސްމިއްޔާތަށްފަހު ބައިވެރިންނާ މަޝްވަރާ ކުރުމަށްފަހުއެވެ. “މިއީ އައްޑޫސިޓީއަށް ހޭންޑްބޯލް ތައާރަފް ކުރުމަށް ހިންގާ ޕްރޮގްރާމެއް. ޕްރޮގްރާމް ހިންގަނީ މަރަދޫފޭދޫ ޖަމިއްޔާއެއް ކަމަށްވާ މަފްސީއާއި، އައްޑޫސިޓީ ކައުންސިލާއި، ހޭންޑްބޯލް އެސޯސިއޭޝަން ގުޅިގެން. މި ޕްރޮގްރާމުގެ ތެރެއިން ސްކޫލްތަކަށްވެސް ހޭންޑުބޯލް ތައާރަފްކޮށްދޭނަން. އިރާދަކުރެއްވިއްޔާ މިކޮޅުގައި (އައްޑޫގައި) މިނީ ހޭންޑްބޯލް ފެސްޓިވަލެއް ބާއްވައިދޭނަން. ތަމްރީން މިކުރާ މީހުން ބޭނުންކޮށްގެން އެކަންކުރާނީ،” ހޭންޑްބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ މުހައްމަދު ޝާން ވިދާޅުވިއެވެ. “މި ޕްރޮގްރާމުގައި ކޯޗިން ކޮމްޕޯނެންޓެއް ހިމެނޭނެ. ރެފްރީން ތަމްރީން ކުރުމުގެ ކޮމްޕޯނެންޓެއް ހިމެނޭނެ. މުޅި ޕްރޮގްރާމަކީ ހޭންޑްބޯލް ތައާރަފް ކުރުމަށް ހިންގާ އެއްޗެއް. އެކަމަކުވެސް މި ކޯސްނިމޭއިރު ބައިވެރިންނަށް މުބާރާތެއް ރާވައި ހިންގުމާއި، ރެފްރީކަންކުރުމާއި، ޓީމެއްގޮވައިގެން ކޮންމެވެސް ވަރަކަށް ކޯޗުކޮށްދެވޭ ވަރު މިކޯހުންވާނެ،” ޝާން ވިދާޅުވިއެވެ. މިކޯސް ފުރިހަމަ ކުރާ މީހުންނަށް ސެޓްފިކެޓެއްވެސް ލިބޭނެއެވެ. އެ ސެޓްފިކެޓް ލިބޭ މީހުންނަށް ކޯޗިންކޯސް ލެވެލް ތިނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރެފްރީކޯސް ލެވެލް ތިނެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މަފްސީން ވިދާޅުވީ މިއީ އައްޑު އަތޮޅަށް ޚާއްސަކޮށްގެން ބާއްވާ ޕްރޮގްރާމަކަށްވިޔަސް ކަންދިމާކުރި ގޮތުން ހުޅުދޫ އަދި މީދޫއަށް ބައިވެރި ވެވޭގޮތެއް ނުވި ކަމަށެވެ. މިއީ ހިލޭ ސާބަހަށް ކުރިއަށްގެންދާ ހަރަކާތެކެވެ. “މިކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަން ތަކެއް ކުރިއަށް ގެންދާނެ. ކޯސް ނިމޭއިރު އެންމެނަށްވެސް ސެޓްފިކެޓް ލިބޭނެ. އެއީ ބައިވެރިނަށް ދޭ ޓެސްޓުން ފާސްވާ މީހުންނަށް ދޭ ސެޓްފިކެޓަކާއި، ބައިވެރިވި ކަމުގެ ސެޓްފިކެޓެއް،” މަފްސީން ވިދާޅުވިއެވެ. ދިހަދުވަހަށް ކުރިއަށް ގެންދާ މިކޯހުން ސެޓުފިކެޓް ލިބޭނީ މަދުވެގެން 8 ދުވަސް ކޯހަށް ހާޒިރުވާ މީހުންނަށެވެ. އެއަށްވުރެ ހާޒިރީ ދަށްވެއްޖެ ކަމަށްވާނަމަ ސެޓްފިކެޓް ނުލިބޭނެ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން ވިދާޅުވިއެވެ. “އެހެންވީމާ މާދަން ޕްރޮގްރާމް ފެށިޔަސް އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް،” ޝާން ވިދާޅުވިއެވެ. ޕްރޮގްރާމުގެ ތިއަރީބައި ކުރިއަށްދާނީ އުޖާލާ ޕްރީސްކޫލުގައެވެ. ޕްރެކްޓިކަލްބައި ކުރިއަށްދާނީ މަރަދޫ ފުޓުސަލް ދަނޑުގައެވެ. މިއީ ދެޖިންސްގެ މީހުނަށް ހުޅުވާލައިގެން ބާއްވާ ޕްރޮގްރާމެކެވެ.