English Edition
Dhivehi Edition
ފޮޓޯ: އިނާ އަލީ އިންސްޓަގްރާމް

ބައިނަލްއަޤްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ދުވަސް ކަމުގައިވާ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަސް ފާހަގަ ކުރަން ފަށައިފައިވަނީ 1981 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަކުރަނީ އަންހެނުންނަށް ކުރާ އަނިޔާއަކީ އިންސާނީ ހައްޤުތަކާއި ހިލާފުކަމެއްކަން އަންގައިދިނުމުގެ އިތުރުން ޤައުމީ، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކޮށް އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ހާމަކުރުމަށްޓަކައެވެ. ބައިނަލްއަޤްވާމީ ގޮތުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ ސަބަބުތަކުގެ ތެރޭގައި އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާއަކީ އެންމެ ގިނައިން ހިނގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވުމުގެ އިތުރުން އިންސާނީ ހައްގުތައް ލިއްބައިދިނުމުގައި އަންހެނުންނާ މެދު ތަފާތުކުރުންތައް ގިނަ ކަމުންނެވެ.

އަންހެނުންނަކީ ވަރަށް ގިނަ ގޮތްގޮތުން އަނިޔާއާއި ކުރިމަތިލާންޖެހިފައިވާ ބައެކެވެ. މީގެތެރޭގައި ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ ގޮތުން ލިބޭ އަނިޔާތައް ހިމެނެއެވެ. އަންހެނުންނަށް ލިބޭ އަނިޔާތަކުގެ އެކި ބާވަތްތަކަކީ ގުޅި ލާމެހިފައިވާ އޭގެ ނޭދެވޭ އަސަރު އަންހެނެއްގެ މުޅި އުމުރަށް ކުރާ ކަންތައްތަކެވެ. އަނިޔާ ލިބިފައިވާ އަންހެނުންނަށް އެކި ބާވަތުގެ ސިއްހީ މައްސަލަތަކާއި ކުރިމަތިލާންޖެހުމުގެ އިތުރުން މުޖުތަމައުގައި ރަނގަޅު ދައުރެއް އަދާކުރުމުގައިވެސް ހުރަސްތަކާއި ކުރިމަތިވެފައި އެބަހުއްޓެވެ. މީގެ ސަބަބުން މުޖުތަމައުގެ އެންމެ އަސާސީ ބިނާކަމުގައިވާ އާއިލާ ތަކަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްފަދައިން އަންހެނުންނަށް ކުރާ އަނިޔާއަކީ ދިވެހިރާއްޖޭގައިވެސް އެކި ގޮތްގޮތަށް އެކި ފެންވަރުގައި އަންހެނުން ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. އެގޮތުން ގޭތެރޭގައި، އާއިލާ ތެރޭގައި، ވަޒީފާ އަދާކުރާ ތަނުގައި، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި އާއި ޖުމްލަކޮށް މުޅި މުޖުތަމައުގައި އަންހެނުންނަށް އަނިޔާއާއި ކުރިމަތިލާންޖެހެއެވެ.

ރާއްޖޭގައިވެސް އެކި ފެންވަރުގައި އެކި ކަހަލަަ އަނިޔާތައް ލިބިފައިވާ އަންހެނުން ތިބި އިރު ނުވަތަ ލިބުނު އަނިޔާގެ ސަބަބުން ދުނިޔެ ދޫކޮށް ގޮސްފައިތިބި އަންހެނުން ވާއިރު މި ލިޔުމުގައި އެފަދަ ބައެއް އަންހެނުންގެ މައުލޫމާތަށް ބަލާލާނަމެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލައިފައި އޮއްވާ ފެނުނު އަޒްލީނާ

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ އަކަށް އުޅުނު ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް އޭނާ މަސައްކަތްކުރާ އޮފީހުގެ ފާހާނާ ތެރޭގައި މަރާލައިފައި އޮއްވާ ފެނިފައިވަނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އޭރު އޭނާގެ އުމުރުން 27 އަހަރެވެ. އަޒްލީނާ މަރާލާފައި އޮއްވައި ފެނިފައިވަނީ މަރާލިތާ 32 ގަޑިއިރު ފަހުން 6 އޭޕްރީލް 2001 ވަނަ ދުވަހުގެ ދަންވަރެވެ. އަޒްލީނާ މަރާލިކަމަށް ކުށް ސާބިތުވި އަބްދުﷲ ޒުހައިރަކީ އަޒްލީނާ އާއި އެއް އޮފީހެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އައި މީހެކެވެ. އެ މައްސަލައިގައި އޭނާ އެރޭ ވަގުތުން ވަގުތަށް ހައްޔަރު ކުރެވި މައްސަލައިގެ ތަހުގީގު ނިންމައި 2002 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ޒުހައިރުއާއި އޭނާއާއި އެކު އަޒްލީނާ ގަތުލުކޮށްލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވި އިތުރު ދެ މީހުން ކަމުގައިވާ ގދ. ހޯނޑެއްދޫ، ސަވޭރާ އިބްރާހީމް ހަމްދީ އާއި އެ ރަށު ހުސްނުހީނާގޭ އަބްދުﷲ އިސްމާއީލް ޖަލަށް ލާން ހުކުމް ކުރި އެވެ. އެމީހުންގެ ތެރެއިން ޒުހައިރާއި އިސްމާއީލް އަކީ އަޒްލީނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންނެވެ. އަދި ހަމްދީ އަކީ އަޒްލީނާ މަރާލުމަށް ރާވައި، ފާރައަށް ހުރި މީހާ އެވެ. އަޒުލީނާގެ ވާރިސުން އެދުނުގޮތަށް، މަރުގެ ދިޔައިގެ ގޮތުގައި 100،000ރުފިޔާ ދިނުމަށް އެ ތިން މީހުންގެ މައްޗަށް އޭރުގެ ޖިނާއީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަބްދުﷲ ޒުހައިރު އުމުރަށް ޖަލަށް ލާން އޭރު ހުކުމް ކުރި ކަމުގައި ވީނަމަވެސް އޭގެ 11 އަހަރު ފަހުން 2013 ވަނަ އަހަރު އޭނާ ވަނީ މިނިވަންކޮށްފައެވެ.

2002 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހު އިހަވަންދޫގެ ވަލު ތެރޭގައި 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނުން ވެގެން ދިޔައީ އެ ރަށާއި މުޅި ގައުމަށް ސިހުން ގެނުވި ކަމަކަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ފާތިމަތު ހަސަން އެވެ. އެ މައްސަލައާއި ބެހޭގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުން އޭނާ މަރާލައިފައިވަނީ ގަދަ ކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު އެ ރަށުގައި ދިރިއުޅޭ 3 ބިދޭސީން ކަމަށެވެ. އެގޮތުން އެ މައްސަލާގައި ތިން ބިދޭސީއަކު ކުށްވެރިވެ ޖަލަށްލި އެވެ. އަދި އޭގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ޖަލުގައި ހުކުން ތަންފީޒުކުރަމުން ދަނިކޮށް އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.

ލޯބީގެ މައްސަލައެއްގައި 2008 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު ނ. ހެނބަދޫގައިވެސް ވަނީ އަންހެނަކަށް އަނިޔާދީ މަރާލައިފައެވެ. ޒަހަމްތަކަކާއި އެއްކޮށް އެ ރަށުގެ އިންޖީނުގެއާއި އޭރު އަންހެނުން ނަމާދު ކުރުމަށް ބޭނުންކޮށް އުޅުނު މިސްކިތާއި ދެމެދު މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ފުސްފަރު, ނަދީމާ އިސްމާއިލްއެވެ. އޭނާގެ އުމުރުން 17 އަހަރުގައި މަރުވެފައިވަނީ ރ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އެ މައްސަލައިގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނ.ހެނބަދޫ, ހީނާމާގޭ, އަހުމަދު އަބްދުއްސައްތާރު, 24، ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަދީމާ މަރާލުމަށް ގަސްތުކޮށް އޭނާއަށް ވަޅިން ހަމަލާތަކެއް ދިން ކަމަށް އެއްބަސްވެފަ އެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީން

ގެއްލިގެން ހޯދަމުން ދަނިކޮށް ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރަކީ މުޅި ރާއްޖޭގެ ސަމާލުކަން އެ މަރަކަށް ލިބުނު މަރެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ 2 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނު އިރު ކުނިވެފައި އޮތުމުގެ ސަބަބުން މަރާލައިފައިވަނީ ކިހިނެއް ކަމާއި މަރައިލި ވަގުތެއް ވެސް ތަހުގީގަށް ހޯދިފައެއް ނުވެއެވެ. ތަހުގީގަށް ހެކިވެރިން ހުށައަޅައިފައިވާ ހެކިތަކުން ސާބިތުވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހު އާއި އެކު އެމީހުން ދިރިއުޅެމުން އައި ކޮޓަރިންނެވެ. ނަޖާހުގެ މައްޗަށް 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ ދައުވާ އުފުލައިފައިވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ނަޖާހުގެ މައްޗަށް ޝީރީން މަރާލިކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެގޮތުން އޭނާގެ ހަށިގަނޑު ބެލި ތިން ޑޮކްޓަރަކު ޝަރީއަތުގައި ހެކިބަސް ދީފައިވީ ނަމަވެސް އޭނާ މަރުވެފައިވަނީ މީހަކު ކޮށްފައިވާ އަނިޔާއެއްގެ ސަބަބުންކަން ބުނެދޭން ނޭނގޭ ކަމަށް އެމީހުން ހެކިބަސް ދިންކަމަށް ހުކުމް ކުރި ގާޒީ ފާހަގަކުރިއެވެ. އަދި ޝީރީން މަރުވެފައިވަނީ ކިހިނެއްތޯ ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ޑޮކްޓަރުން ލަފާދިން ކަމަށް ޝަރީއަތުގައި ހެކިބަސް ދިން ނަމަވެސް އެކަން ކޮށްފައިވާ ކަމެއް އެއްވެސް ލިޔުމަކުން ފެންނަން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އަލުން 2015 ވަނަ އަހަރުގެ ޖޫން މަހު ޝީރީން މަރާލި މައްސަލަ އިސްތިއުނާފު ކުރެވި ނަޖާހުގެ މައްޗަށް މަރިޔަމް ޝީރީން މަރާލުމުގެ ކުށް ސާބިތުނުވާ ކަމަށާއި އެކަމަކު ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި، 12 އަހަރަށް ޖަލަށް ލާން ހައި ކޯޓުން މިއަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ހުކުމް ކުރިއެވެ.

2012 ވަނަ އަހަރުގެ އޭޕްރިލް މަހު ހދ ނޭކުރަންދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ފާތިމަތު ޒަކަރިއްޔާ މަރާލާފައިވާކަން އެގުނީ ފަތުމަތު ޒަކަރިއްޔާ މަރުވެފައިވަނީ ގުދުރަތީ މަރަކުންކަމަށް ބެލެވިގެން ވަޅުލިވެސް ފަހުން އޭނާގެ ގަހަނާތައް ވަގަށް ނަގާފައިވާކަން ފުލުހުންގެ ތަހްގީގަށް އެނގުމާއި ގުޅިގެން އެކަން ބަލަމުންދަނިކޮށެވެ. އުމުރުން 75 އަހަރުގެ ފާތިމަތު ޒަކަރިއްޔާ މަރާލިކަމުގެ ދައުވާ ކޮށްފައިވަނީ ކ ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށެވެ. ޝަހީމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޢުރިބް ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ނޭކުރެންދޫ ރަންވިއު ގެއަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިތެރޭގައި އޮތް ތުވާލިގަނޑެއް ނަގައިގެން ފާތިމަތު ޒަކަރިއްޔާގެ ފަހަތުން ގޮސް ތުވާލިގަނޑާ އެކު ފާތިމަތު ޒަކަރިއްޔާގެ އަނގަ އާއި ނޭފަތާއި އެއްކޮށް ހިފަހައްޓައި ނޭވާ ހާސްކޮށް އޭނާ މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ. ތަހުގީގު މަރުހަލާގައި ޝަހީމް ކުށަށް އިއުތިރާފުވި ނަމަވެސް ޝަރީއަތުގައި އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ. އަދި ޝަހީމް ދައުވާއަށް އިންކާރުކުރުމުން، ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ، ޝަހީމުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުވާކަމަށް 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހ. ލާލުގޭ ގޯޅިގަނޑުގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ޒުހާ – ފޮޓޯ: އަވަސް.އެމްވީ

2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހ. ލާލުގޭ ގޯޅިގަނޑުގެ ތެރެއިންވެސް ވަނީ މަރުވެފައި އޮތް އަންހެން ކުއްޖެއް ފެނިފައެވެ. އެރޭ ފެނިފައިވަނީ އުމުރުން 23 އަހަރުގެ ލ. ގަން، ތުނޑި، ބާބުލްއަވާލީ ހައްވާ ޒުހާއެވެ. ޒުހާގެ މަރާއި ބެހޭގޮތުން ފުލުހުން ޙާމަކޮށްފައިވަނީ އޭނާ މަރާލާފައި ވަނީ އޭނާއާ އެކު ޖިންސީ ގުޅުން ހިންގުމަށްފަހު އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އައި ބަނގުލަދޭޝްގެ މީހެއް ކަމުގައިވާ ސުމޮން މިއާއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރާކަން އެނގިގެން ސުމޮން މިއާ ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ބިދޭސީން މަސައްކަތް ކުރާ ތަނެއްގެ ތެރޭގައި ހުރިއެނދެއްގެ ދަށަށް ވަދެ ފިލައި އޮއްވައެވެ. ޒުހާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ކަރުން ނިޔަފަތީގެ ނިޝާން ފެންނަން ހުރިއިރު ވައަތް ތިލައިން ނޫފައިގެންފައި ހުރިކަމަށް ފުލުހުން ވަނީ އޭރު ފާހަގަކޮށްފައެވެ. އަދި ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމުގެ ނިޝާންތައް ވެސް ޒުހާގެ ހަށިގަނޑުން ފެންނަން ހުރިކަމަށް ފުލުހުން ހާމަކުރިއެވެ. އަދި ޒުހާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓްގައި ވަނީ ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. ދައުލަތުން ސުމޮން މިއާއަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައި އެ ދައުވާ ސާބިތުވެ އޭނާއަށް ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރަހުމް ކުޑަ ޒަހަމުތަކަކާއި އެއްކޮށް މަރާލާފައި އޮއްވާ ފެނުނު ޝައިހާ

2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ށ. ނޫމަރާގައި ރަހުމް ކުޑަ ޒަހަމުތަކަކާއި އެއްކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 4 އަހަރުގެ ފާތިމަތު ޝައިހާގެ މަރުގެ ހަބަރު ވެގެން ދިޔައީ މުޅި ގައުމު ފެންކަޅި ކުރުވި ހަބަރަކަށެވެ. ޝައިހާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގެ އެނދުމަތީގައި އޮއްވައެވެ، އޭނާ ފެނުނު އިރު ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިހުއްޓެވެ. މި މައްސަލައިގައި ދައުލަތުންވަނީ ޝައިހާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލައިފައެވެ.

ފިރިމީހާގެ ފަރާތުން ޖިންސީ އަނިޔާތަކެއްކޮށްފައިވާ ކަމަށް ތުހުމަތުވެ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 37 އަހަރުގައި ޑިސެމްބަރު 28 ވަނަދުވަހުގެރޭ މަރުވި ގދ. ތިނަދޫ ޓޭންކް ޒިޔާދާ ނަޢީމްގެ މަރަކީ ގެވެށި އަނިޔާއަށް ދިވެހިން ލޯ ހުޅުވިގެން ދިޔަ މަރެކެވެ. ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގު ކުރެވި ކޯޓުން ވަނީ ޒިޔާދާ މަރުވީ އޭނާގެ އޭރުގެ ފިރިމީހާ، ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށް ނިންމައިފައެވެ. އަދި އެ މައްސަލައިގައި ޝާހުގެ މައްޗަށް ދައުލަތުން ވަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފައެވެ. އަދި އެ މަރާއި ގުޅިގެން އުފުލައިފައިވާ ދައުވާތަކުގެ ތެރެއިން ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވެ އޭނާ އަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަމަވެސް ހަމަ އެ މަހުގެ 25 ވަނަ ދުވަހު މަހަށް ނިކުމެ އުޅެނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

މަތީގައި ބަޔާންކޮށްފައިވާ މަރުތަކުން މިގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އާންމުވެފައިވާ މިންވަރު ހާމަކޮށްދޭއިރު، މިބޮޑު އިޖުތިމާއީ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްކުރުމުގެ މުހިއްމުކަން ހާމަވެގެންދެއެވެ. އަންހެނުންނަށް ކުރާ އަނިޔާއަކީ ވަކި ސަގާފަތެއްގައި ނުވަތަ ވަކި ދީނެއްގައި ނުވަތަ ވަކި ގައުމެއްގައި ހިނގާ ކަމެއްނޫނެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ބޮޑު މައްސަލައެކެވެ. އަންހެނުންނަށް ކުރާ އަނިޔާތަކުގެ އަސްލަކަށް ވެފައި އޮތީ ޒަމާނުއްސުރެ އަންހެނުންނަށް އިންސާނީ ހައްގުތަށް ފޯރުކޮށްދިނުމުގައި ކުރާ ތަފާތުކުރުންތަކެވެ. އެންމެ އަސާސީ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ފަރުވާފަދަ ހައްގުތަށް ލިއްބައި ދިނުމުގައިވެސް އަންހެނުންނަށް ތަފާތުކުރެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް، އަންހެނުން ކުރިއެރުވުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރުމަކީ އޭގެ ފައިދާ މުޅި މުޖުތަމައުއަށްކޮށް ރަނގަޅު ޖީލެއް ބިނާކުރުމަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ. އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެކެވެ.


އެޑިޓަރުގެ ނޯޓު: މިއީ ‘ލީޝް ވިސާމް’ ބްލޮގުގައި ޝާއިއު ކޮށްފައިވާ ލިޔުމަކުން ހިޔާލު ލިބިގެން ލިޔެފައިވާ ލިޔުމެކެވެ.