އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ކުރަނީ ރުގްޔާ ނަމުގައި އުޅޭ ސިހުރުވެރިން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް އަލީ ޒައިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި ރުގްޔާ ކުރުމަކީ ކީރިތި ޤުރްޢާން ކިޔަވައިގެން އެއިން ޝިފާ ހޯދުން ކަމަށާއި އެއާއި ޙިލާފަށް އެކި އެކި ވާނުވާ ނޭނގޭ ކަންތައްތަކާއި އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ކުރަނީ ރުގްޔާ ނަމުގައި އުޅޭ ސިހުރުވެރިންކަމަށެވެ.
“ރުގްޔާ ކުރުމަކީ ކީރިތި ޤުރްޢާން ކިޔަވައިގެން، އެއިން ޝިފާ ހޯދުން. މިއާއި ޙިލާފަށް އެކި އެކި ވާނުވާ ނޭނގޭ ކަންތައްތަކާއި އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ކުރަނީ ރުގްޔާ ނަމުގައި އުޅޭ ސިހުރުވެރިން!” ޝެއިޚް އަލީ ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޝެއިޚް އަލީ ޒައިދު ވިދާޅުވެފައިވަނީ އެފަދަ މީހުންނަށް ސަމާލު ވުމަށާއި އެއްވެސް ޝައްކެއްވެއްޖެ ނަމަ އިލްމު ވެރިން ކައިރިން މައުލޫމާތު ހޯއްދެވުމަށެވެ.
ޝެއިޚް އަލީ ޒައިދު މިފަދައިން ޓުވީޓު ކުރައްވައިފައިވާއިރު ފުލުހުން ވަނީ މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައިގައި 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރުގްޔާގެ ނަމުގައި ހަތަރު މައިން ބަންދުކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އަދި އެފަދަ އަނިޔާތަކަށް އާއްމުން ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލައާއި ބެހޭގޮތުން ‘މިހާރު’ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުން ގުރުއާނުން ބަލިތަކަށް ޝިފާ ލިބޭ ރުގްޔާ އޮޅުވާލައި ހަތަރުމައިންނާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ރަހުމްކުޑަ ގޮތަކަށެވެ. އެގޮތުން އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާއިރު، ދެން ތިބި ކުދިން ހިމެނޭ ގޮތަށް އެންމެންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދީފައިވެއެވެ. ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އެ ހަތަރު މައިންނަށް ކާން ނުދީ ބަނޑަށް ބޭތިއްބުމާއި ނިދިން މަހްރޫމްކުރުން ފަދަ އަމަލުތައް ހިންގާފައިވެ އެވެ. އަދި ހަތް އަހަރުގެ އަންހެން ކުއްޖާ ސްކޫލަށް ވެސް ނުފޮނުވާ ކަމަށް ‘މިހާރު’ ނޫހުގައި ވަނީ ހާމަކޮށްފައެވެ.
ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނުކަމަށާއި ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް ‘މިހާރު’ ނޫހުގައި ބުނެފައިވެއެވެ. އަދި ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނިކަމަށް ‘މިހާރު’ ނޫހުގައި ވަނީ ބުނެފައެވެ.