English Edition
Dhivehi Edition

ސުޕްރީމް ކޯޓަށް ޢައްޔަންކުރަންވާނީ އިސްލާމީ ޝަރީޢާގެ ބެކްރައުންޑް ހުރި، ޤާބިލް، ތެދުވެރި އަދި ނުވިކޭނެ ފަދަ ބޭފުޅެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ތަނުގައި ސުވާލު އުފެދޭ ބައެއް ޙުކުމްތަކެއް އައިސްފައިވާ ކަމަށާއި، އެކަމާއި ރައްޔިތުން އިތުބާރުވެސް ނުކުރާ ކަމަށެވެ.

ނަމަވެސް، ފަނޑިޔާރުން ބަދަލުކުރާއިރު ސުޕްރީމް ކޯޓަށް ލާންވާނީ ޝަރީޢާ ބެކްރައުންޑް ހުރި، ޤާބިލް، ތެދުވެރި އަދި ނުވިކޭނެ ފަދަ ބޭފުޅުން ބަލައިގެން ކަމަށާއި، ޝަރީޢާއާމެދު އިހުމާލުވެގެން ނުވާނެ ކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ރާއްޖެ ފަދަ 100% އިސްލާމީ ޤައުމެއްގެ އުއްތަމަ ފަނޑިޔާރަކަށް ހުންނަން ވާނީ ޝަރުޢީ އިލްމު ހުރި ޤާބިލް އަމާނާތްތެރި ބޭފުޅެއް ކަމަށާއި، އަވަހަށް ޖުޑިޝަރީ އިސްލާހު ކުރަންޖެހޭ ކަމަށާއި، ނަމަވެސް ‘އިސްލާހު’ ކުރުމަކީ ‘ސެކިއުލާ’ ކުރުން ކަމަށް ވަނީނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމަށްވެސް ޝެއިޚް ޒައިދު ވަނީ ވިދާޅުވެފަ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، ފަނޑިޔާރު ކަމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކުރުމާއެކު، ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރުމަށްވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.