ޙައްޤަކާ ނުލައި މީހުން މަރާ މީހުންނަށް ޤިޞާސްގެ ޙުކުމް ތަންފީޒް ނުކުރެވޭހާ ހިނދަކު އަމާންކަމެއް ނާންނާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Haggakaa nulaa Meehun maraa meehunnah Qisaas ge hukum thanfeez nukureveyhaa hindhaku amaan kameh naannaane! Qisaas ge hukum Allah tha'aalaa Quran gai baavailehvee kamaku. Qisaas akee qaathil meehaa ahvaa kahffaaraa eh. Adhi ehenihen afraadhunnah vaa ibratheh!
— Ali Zaid (@alizaid1000) December 5, 2019
“ޤިޞާސްގެ ޙުކުމް ﷲ ތަޢާލާ ޤުރުއާނުގައި ބާއްވައިލެއްވީ ކަމަކު”، ޝެއިޚް ޒައިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޒައިދު ވިދާޅުވީ ޤިޞާސް އަކީ ޤާތިލް މީހާ އަށްވާ ކައްފާރާއެއް ކަމަށާއި، އަދި އެހެނިހެން އަފްރާދުންނަށް ވާ އިބްރަތެއް ކަމަށެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، ރޭ ވަނީ ހުޅުމަލޭގައި ތޫނު އެއްޗަކުން ޙަމަލާދީ މީހަކު މަރާލައިފަ އެވެ. އެ ހާދިސާގައި މަރާލާފައިވަނީ ލޯޔަލް ޓެކްސީ ސާވިސްގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ އދ. މާމިގިއްޔަށް އުފަން ގާސިމް ޙަސަން އެވެ. އެމީހާ ފެނިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ހިތިގަސްމަގުގައި ހެދިފައިހުންނަ ބިޔަގަސްތަކާއި ހެދީ ވަރަށް އަނދިރި ވެފައި އޮންނަ ސަރަޙައްދަކުންނެވެ. 2017 ގެ ތެރޭވެސް ވަނީ މި ސަރަޙައްދުން މީހަކަށް ހަމަލާދީ މަރާލާފައެވެ.
މި ހާދިސާ އަށް ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަނިޔާވެރި އަމަލު ހިންގި މީހުން ހޯދުމަށް ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލެ އަށް ދަތުރުކުރާ ވެހިކަލްތައް ފާސްކުރަމުން ދާނެ ކަމަށެވެ. އަދި މި އަމަލު ހިންގި ބަޔަކާއިގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކުރައްވައިފައިވެ އެވެ.