މި އަހަރުގެ ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ކުރައްވާނެ ޙާފިޒުން ސްކްރީން ކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ނިންމި ނިންމުމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ފާޑުވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވަކި މީހަކު ހާފިޒުން ނުގެންނަން ގޮވާލައި ފައިސާ ބޭކާރުވަނީއޭ ބުނާއިރަށް، ހާފިޒުންނަށް ޖެއްސުން ކުރަން ފަށާފައިވާއިރު، މިހާތަނަށް ކިތަށް ހާފިޒުންތޯ ރާއްޖޭގެ ޤާނޫނުތައް މުގުރާލީ އޭބުނެ ސުވާލު އުފައްދަވައިފަ އެވެ.
Vaki meehaku haafizun nugennan govaalai faisa beykaaru vany ey bunaairah, haafizunnah jessun kuran thiya feshy, Suvaalaky Mihaathanah kithah Haafizun thoa ey raajje ge qaanoon thah muguraaly? Kithah haafizun thoa myhun dhiriulhey rahrashugai, 'barahana' koh beach ga ulhuny?
— Ali Zaid (@alizaid1000) January 6, 2020
“ކިތައް ހާފިޒުންތޯ މީހުން ދިރިއުޅޭ ރަށްރަށުގައި ‘ބަރަހަނާ’ ކޮށް ބީޗުގައި އުޅުނީ”، އެ ޓްވީޓްގައި ޝެއިޚް ޒައިދު ސުވާލުކުރައްވާފައި ވެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، ހަމައެކަނި ހާފިޒުން ސްކްރީން ކުރުމުގެ ޙިކުމަތަކީ ކޮބައިތޯއާއިމެދު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
“ރާއްޖެއަށް އެހެނިހެން ކަންކަމުގައި ގެންނަ މީހުންވެސް ސްކްރީން ކުރަންވީ ނޫންތޯ؟ ޓެރަރިޒަމްގެ ނުރައްކާ އޮތީ ހަމައެކަނި ހާފިޒުންގެ ފަރާތުންތޯ؟”، ޑރ. އިޔާޒް ވިދާޅުވި އެވެ.
އަދި އެކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއްވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން އިމިގްރޭޝަން އަދި އެންސީޓީސީ ވެސް ހިމެނެއެވެ.
އެންސީޓީސީ އިން ބުނީ މިފަހަރު އެކުލަވައިލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލްތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް އެ ހާފިޒުންގެ ބޭނުން ކުރެވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް އެންސީޓީސީ އިން ބުނެއެވެ.