English Edition
Dhivehi Edition
ޝެއިޚް އަލީ ޒައިދު - ފޮޓޯ: ފޭސްބުކް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ފިޔަވަޅު އެޅުމަކީ ވެރިންގެ ޒިންމާއެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހާ އެކަން ކުރަނީ އޭނާ އަކީ ވަރަށް ގޮތެއް ނެތް، ނުބައި މުޑުދާރު މީހަކަށްވީމާ ކަމަށެވެ.

އަދި އެފަދަ މީހުންނަށް އެކަށީގެންވާ ފިަޔވަޅު އެޅުމަކީ ވެރިންގެ ޒިންމާއެއް ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ބޮޑު ވާޖިބެއް ކަމަށްވެސް ޒައިދު ވިދާޅުވި އެވެ.

ޒައިދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީގެ އިޙުމާލުވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޖެންޑަރ މިނިސްޓަރ، ޝިދާތާ ޝަރީފްގެ އިސްތިއުފާ ގޮވާލަމުންނެވެ.

އެގޮތުން ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީގެ އިހުމާލެއްވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ގިނަ މެންބަރުން ވަނީ މިނިސްޓަރ ޝިދާތާ، މަޤާމުން އިސްތިއުފާދެއްވުމަށް ގޮވާލައްވައިފަ އެވެ.

އަދި މިނިސްޓަރ އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ، އެކަމަނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ޔަޤީންކުރައްވާ ކަމަށްވެސް މިއަދު ކުރެއްވި ޓްވީޓެއްގައި މީކާއިލް ވަނީ ވިދާޅުވެފަ އެވެ.