އައްޑޫސިޓީ ގައި ދިރިއުޅޭ މީހުންގެ ތެރެއިން ޢާއްމު ބަލިބަލީގައި އުޅޭ މީހުން އެކަން އަންގައި ދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ސެކްޝަނުން އެދިއްޖެއެވެ. އެސެކްޝަނުން މިއަދު ކުރި އިޢުލާނެއްގައި ވާގޮތުން ޢުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ކެންސަރ، ހަކުރުބަލި،ކިޑްނީގެ ބަލިތައް،ހިތުގެބަލި/ސްޓްރޯކް،ތެލަސީމިއާ އަދި ފުރަމޭ ފަދަ ބަލިތައް ހުރި ފަރާތްތަކުން އަންނަ ޑިސެންބަރ 2 ވަނަ ދުވަހު ގެ 13.00 ގެ ކުރިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ސެކްޝަނަށް ނުވަތަ ގޫގުލް ފޯމް މެދުވެރިކޮށް އެކަން އަންގައި ދިނުމަށް އެދިފައިވެއެވެ. މިއީ ކޮވިޑް 19 ވެކްސިނަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
މިމަހުގެތެރޭ ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އެންމެ ލަސްވެގެން ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 ވެކްސިނެއް ރާއްޖެއަށް ލިބޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވަނީ ކޮވިޑް ވެކްސިންގެ ކޮން ވެކްސިންއެއް ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.
ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ޖީ20 ގައުމުތަކުގެ މި އަހަރުގެ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ކޮވިޑް-19 އަށް ތައްޔާރުކުރާ ވެކްސިން ހަމަހަމަކަމާއެކު ހުރިހާ ގައުމަކަށް ލިބޭނެކަން ޔަގީން ކުރަން ޖެހޭ ކަމަށާއި ކޮވިޑް ވެކްސިން ހުރިހާ އިންސާނުންނަށް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.
ޗައިނާގެ ނެޝަނަލް ފާމަސޫޓިކަލް ގްރޫޕް، ސައުނޯފާމް އިން ވަނީ މިދިޔަ ޖުލައި މަހުން ފެށިގެން އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ދަރިވަރުންގެ އިތުރުން އެހެން ގައުމުތަކުގައި މަސައްކަތް ކުރުމަށް އެގައުމުން ދަތުރުކުރާ ފަރާތްތަކަށް ސައިނޯފާމްގެ ކޮވިޑް ވެކްސިން ދެމުންނެވެ.
ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ހަލުވި ބާރުމިނެއްގައި ވާދައިގެ ރޫޙަކާއެކު އެމެރިކާ،އިނގިރޭސިވިލާތް އޮސްޓްރޭލިއާ ފަދަ ބޮޑެތި ޤައުމު ތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، އެންމެ ފަހު މަރުހަލާގައި 11 ވެކްސިނެއް އެބަ އޮތް ކަމަށް ޚަބަރު ލިބެއެވެ. މިމަރްޙަލާގެ ތަހުލީލުތަކުގެ މުރާޖާތަކާ ހަވާލާދީ ދާދި ފަހުން ވަނީ މޮޑާނާގެ ވެކްސިންގެ 94.5 ޕަސެންޓް ކާމިޔާބު ކަމަށް ބުނެފައެވެ. އަދި ބައޮއެންޓެކާއި ފައިޒާގެ ވެކްސިން 95 ޕަސެންޓް ކާމިޔާބު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.