English Edition
Dhivehi Edition

އަންނަ އޮކްޓޯބަރު މަހު އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، (ސަޓާ އެވޯޑްސް) ސަޓާގެ އިވެލުއޭޝަންތައް ނިންމާލުމަށްފަހު ސަޓާ އެވޯޑަށް ތައްޔާރުވުމުގެ މަސައްކަތް ހައިރައިޒުން ފަށައިފިއެވެ.

ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ ގެ އިވެލުއޭޝަންތައް ނިންމާލާފައިވާއިރު 400 އަށްވުރެ ގިނަ ފަރާތުން ސަޓާ އެވޯޑަށް ނޮމިނޭޓް ކޮށްފައިވާކަމަށް މިކަން އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތުދެއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ ފަސް ގައުމަކުން މި އެވޯޑަށް ވާދަކުރާއިރު މި ފަސް ގައުމުގެ އިވެލުއޭޝަންތައްވެސް މިހާރުވަނީ ނިމިފައެވެ. މިފަސް ޤައުމަކީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިޔާ، ނޭޕާލް، ބޫޓާންއެވެ.

ޖުމްލަ 39 ކެޓަގަރީން އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު، އެވޯޑް ދިނުމުގައި ބަލާނީ އޮންލައިން ވޯޓިންގް ގެ 40 އިންސައްތައާއި އިވެލުއޭޝަނުން ލިބޭ 60 އިންސައްތައަށްކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ. އޮންލައިން ވޯޓިންއާއި އިވެލުއޭޝަންތައްވެސް މިހާރު ނިމިފައިވާއިރު އެވޯޑްތަކަށް ވާދަކުރާ ފަރާތްތަށް ވަރަށް އަވަހަށް އެނގިގެންދާނެކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ. އެވޯޑް ލިބޭ ފަރާތްތައް ޢިއުލާންކުރަނީ ސަޓާ އެވޯޑްގެ ތެރެއިން އޮންނަ ގާލާ ނައިޓްގައެވެ.

މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެ އަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެ އަށް ވަނީ ލިބިފައެވެ. މި އިވެންޓް މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައެވެ. ރާއްޖެއާއި ރާއްޖެން ބޭރުގެ ބޮޑެތި ކުންފުނިތަކަކުން މި އިވެންޓްގައި ވާދަކުރާއިރު މިއީ ރާއްޖޭގެ ޓުއަރިޒަމް ޚާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ޓުއަރިޒަމް ކުރިއެރުވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށް ހައިރައިޒުން ބުނެއެވެ.