ކޮވިޑް-19ގެ ހާލަތުގައި ދިވެހި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ތަޢުރީފުކުރައްވައިފިއެވެ.
އިނގިރޭސި ވިލާތުގެ ސަފީރު މިފަދައިން ތައުރީފުކުރައްވައިފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް ރައްކާތެރިކަން ބަޔާންކުރާ ކޮރިޑޯ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެކަން ފާހަގަކުރައްވައި، އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިނގިރޭސި ވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމުކަން ފާހަގަކުރައްވައި، ކޮވިޑް-19ގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިކަން އަލުން ފަށައިގަތުމާއެކު އިނގިރޭސި ވިލާތުގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުން ދިއުމަކީ ދިވެހިރާއްޖެއިން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިހާރު ވެސް އޮތް ބަދަހި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން މަޤާމުގެ ފުރަތަމަ އަހަރު ފުރިހަމަކުރައްވާފައިވާތީއާއި، އެ ކަމަނާގެ ސަފީރުކަމުގައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށްޓަކައި ޝުކުރު އަދާކުރައްވާ، މަރުޙަބާ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތްއާއި ގުޅުމަށް ކުރި މަސައްކަތް އަވަސްކޮށް، ކާމިޔާބު ކުރުމުގައި އެ ކަމަނާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެ ކަމަށްވެސް އެކަމަނާއަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުުރުން އެ ކަމަނާ ވަނީ މި ބައްދަލުވުމުގައި ތަޢުލީމާއި އިޤްތިޞާދާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މި ދާއިރާތަކުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވާފައެވެ.
އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުގެ ސަރުކާރުން ހެޔޮ ގޮތްތަކެއް ހަދައިދިނުމަށްވެސް މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.