English Edition
Dhivehi Edition

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ކުރިއަށް ގެންދާ މަސައްކަތްތައް ،އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

ހުޅުދޫ މީދޫގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވައިލެއްވުމަށް އާދަމް އާޒިމްކުރެއްވި މި ދަތުރުޅުގައި އެ ދެއަވަށުގެ ކައުންސިލާއި ރަށު އޮފީހުން ވަނީ މަސައްކަތްކުރިއަށްދާ ސަރަހައްދުތަކަށް ވަޑައިގެން، އެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެ ކުންފުނިން އެ ދެ އަވަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމާއި ބެހޭ ގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.

އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ހުޅުދޫ މިދޫގައި މިހާރުވެސް ޖުމްލަ ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތްވަނީ ފެށިފައެވެ.މިގޮތުން އެމްޓީސީސީއިން ކުރިއަށްގެންދާ މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިންވަނީ ބުނެފައެވެ. މީގެ އިތުރުން ހުޅުދޫ ބަނދަރުގެ 38 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.

އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމް.ޓީ.ސީ.ސީގެ ޓީމުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިމ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް އާދަމް އާޒިމްވަނީ އެ ކުންފުނިން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވައިފައެވެ. މި ގޮތުން މި ބައްދަލުވުމުގައި އާދަމް އާޒިމްވަނީ ހުޅުދޫ މީދޫގެ މަޝްރޫއުތަކާއު ގުޅޭ މައުލޫމާތުގެ އިތުރުން މަރަދޫ ބަނދަރުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމް.ޓީ.ސީ.ސީގެ ސީ.އެސް.އާރް މަޝްރޫޢެއްގެ ގޮތުގައި މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އެމް.ޓީ.ސީ.ސީއިން މިހާރުވެސް ޖުމްލަ ފަސް މަޝްރޫޢެއް ކުރިއަށް ގެންދާއިރު އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ދަށުން ތިން މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.