ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް މޮޅުވެ، އެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ޕީއެސްޖީން އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރްބީ ލީޕްޒީގު އަތުން 1-0 އިން މޮޅުވިއިރު، ޔުނައިޓެޑުން ވަނީ 4-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް ބަލިކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި އުޅޭ ޔުނައިޓެޑަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ޕީއެސްޖީ އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ލީޕްޒީގް އެވެ. ޕީއެސްޖީ އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ. އެންމެ ފުލުގައި ބަސެކްޝެހީރް އޮތީ ތިން ޕޮއިންޓާއެކު އެވެ.
ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ނޭމާ އެވެ. މިއީ އެ ޓީމުގެ އެންހެލް ޑި މާރިއާ އަށް ޕެނަލްޓީއޭރިޔާތެރެއިން ލީޕްޒިގު ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޯލްޑް ޓްރެފޯޑްގައި ބަސެކްޝެހީރް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. ފުރަތަމަ ހާފުގައި އޭނާ އަށް ހެޓްރިކް ފުރިހަމަކުރަން އެ ޓީމަށް ލިބުނު ޕެނަލްޓީ ޖަހަންދިނީ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑަށެވެ. ބަސެކްޝެހީރްގެ ޑެނިސް ޓުރުޗްގެ ގޯލުން ފަރަގު ކުޑަކޮށްދީފައިވަނިކޮށް ޔުނައިޓެޑަށް އަލުން ތިން ލަނޑުގެ ލީޑް ނަގައިދިނީ މެޗުގެ އިތުރުވަގުތުގައި ވޭލްސްގެ ވިންގާ ޑެނިއެލް ޖޭމްސް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް އެފްގައި ހިމެނޭ ބޮރޫޝިއާ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން 3-0 އިން މޮޅުވިއިރު، އެ ޓީމުގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ އެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އިޓަލީގެ ލާޒިއޯގެ ދަނޑުގައި އެ ޓީމުން ރަޝިޔާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް ބަލިކުރީ 3-1 އިންނެވެ. ލާޒިއޯގެ ތިން ލަނޑުގެ ތެރެއިން ދެލަނޑުޖަހައިދިނީ އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ކެޕްޓަން މާކޯ ޕަރޯލޯ އެވެ. ޒެނިތުގެ ހަމައެކަނި ލަނޑުޖަހައިދިނީ އާޓެމް ޒޫބާ އެވެ.
ރޭގެ މެޗުތަކަށްފަހު މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ޑޯޓްމަންޑަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލާޒިއޯ އެވެ. ތިންވަނައިގައި އުޅޭ ބްރޫޖަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޒެނިތަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.