English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

29 ރަށެއްގެ އައުޓްޑޯރ ޖިމުގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން އައްޑޫ ސިޓީ މަރަދޫ، ހިތަދޫ އަދި މަރަދޫ-ފޭދޫ އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ސޮއިކޮށްފިއެވެ.

ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމް ތަކުގެ ތެރެއިން 29 ރަށެއްގެ އައުޓްޑޯރ ޖިމުގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި 4،422،320.00 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވާއިރު އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިނާޔަތު ތައުފީގެވެ. 51 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އެވެ.

އައްޑޫ ސިޓީގެ ތިން ރަށުގެ އިތުރުން އައުޓްޑޯރ ޖިމްގެ ތަކެތި ގެންގޮސް އިންސްޓޯލް ކުރުމަށް ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫ، ގއ. ކޮނޑޭ، ގއ. ދާންދޫ، ގދ. ގައްދޫ، ގދ. ތިނަދޫ، ގދ. ހޯޑެއްދޫގެ އިތުރުން ޏ. ފުވައްމުލައް ހިމެނެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓރ މުޙައްމަދު ނާސިޙް ރަޝީދު އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އައުޓްޑޯ ޖިމްތައް އެޅުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައިވާ ހަށިހެޔޮ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުން ކަމަށެވެ. މިގޮތުން އައުޓްޑޯ ޖިމްތައް އާންމު ތަންތަނުގައި އިންސްޓޯލް ވުމުން ޒުވާނުންނާއި މުސްކުޅިންނަށް ކަސްރަތު ކުރެވޭނެ މަގުފަހި ވެގެން ދާނެ ކަމަށް ނާސިޙް ވިދާޅުވިއެވެ.

މިހާރުވެސް އައްޑޫ ސިޓީގެ އަވަށްތަކުގައި ސިޓީ ކައުންސިލުންވެސް އައުޓް ޑޯ ޖިމް ސެޓާއި ބެންޗްތައް ހަދާފައިވާއިރު، މިތަކެތިވަނީ ރަނގަޅަށް މަރާމާތު ނުކުރެވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ