English Edition
Dhivehi Edition
ޑީނަމޯ ކިއޭވް ކޮޅަށް ލަނޑުޖެހުމަށްފަހު ބާސެލޯނާގެ ސާޖީނޯ ޑެސްޓް (ކ) އާއި އެންޓޮއިން ގްރީޒްމަން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ޗެލްސީ، ސެވިއްޔާ، ބާސެލޯނާ އަދި ޔުވެންޓަސް އެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ފްރާންސްގެ ރެނެސްގެ ދަނޑުގައި 2-1 އިން ޗެލްސީ މޮޅުވިއިރު، ރަޝިޔާގެ ކްރަސްނޯޑާ އަތުން ސެވިއްޔާ މޮޅުވީ ވެސް ހަމަ 2-1 އިންނެވެ. ރަށުން ބޭރުގައި ޑީނަމޯ ކިއޭވް އަތުން 4-0 އިން ބާސެލޯނާ މޮޅުވިއިރު، އަމިއްލަ ދަނޑުގައި ޔުވެންޓަސް ވަނީ 2-1 އިން ހަންގޭރީގެ ފެރެންސްވަރޯސް ބަލިކޮށްފައެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް އީގެ އެއްވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެން ޗެލްސީ އޮތްއިރު، ދެވަނައިގައި އޮތް ސެވިއްޔާ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. މި ގްރޫޕުގެ ތިންވަނައިގައި އުޅޭ ކްރަސްނޯޑާ އާއި އެންމެ ފުލުގައި އޮތް ރެނެސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ބާސެލޯނާ އިން ގްރޫޕް ޖީގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތްއިރު އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޔުވެންޓަސް އެވެ. މި ގްރޫޕުގެ ވެސް ތިންވަނައިގައި އޮތް ޑީނަމޯ އާއި ފުލުގައި އުޅޭ ފެރެންސްވަރޯސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ރެނެސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑްނަގައިދިނީ އިނގިރޭސި ވިންގާ ކެލުމް ހަޑްސަން-އޮޑޯއީ އެވެ. އޭގެފަހުން، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ރެނެސްގެ ސެރޫ ގިރާސީ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެކަމަކު މެޗުގެ އިތުރުވަގުތުގައި ޗެލްސީގެ އޮލިވިއޭ ޖިރޫ ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީ، އަނެއް ބުރުން ޖާގަ ހޯދައިދީފައެވެ.

ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ބޯޅަ ހޯދަން ފެރެންސްވަރޯސްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ޔުއެފާ.ކޮމް

ކްރަސްނޯޑާ ކޮޅަށް މެޗުގެ ހަތަރުވަަނަ މިނެޓުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ވައްދާލި ރީތި ގޯލުން ސެވިއްޔާ ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅު އެއްވަރުކޮށްދިނީ ސޯސާ ކަމްޕޯސް އެވެ. ސެވިއްޔާ މޮޅުވި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ މުނީރް އެލް ހައްދާދީ އެވެ.

މި މުބާރާތުގައި ރޭ ބާސެލޯނާ ކުޅުނު މެޗަށް ކެޕްޓަން ލިއޮނަލް މެސީ އާއި ފްރެންކީ ޑި ޔޯން އަށް އަރާމުކުރަން ފުރުޞަތުދިނުމުގެ ގޮތުން، އެ ދެ ކުޅުންތެރިން ނުލައި ޔުކްރޭންގައި ޑީނަމޯއާ ދެކޮޅަށް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަތަރުލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ.

ބާސެލޯނާގެ ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި އެމެރިކާގެ ފުލްބެކް ސާޖީނޯ ޑެސްޓް ކާމިޔާބުކޮށްދިންއިރު އޭގެފަސް މިނެޓުފަހުން ޑެންމާކްގެ ފޯވާޑް މާޓިން ބްރެއިތުވެއިޓް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބާސެލޯނާގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ބްރެއިތުވެއިޓް އެވެ. ބާސެލޯނާގެ ހަތަރުވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ.

މި ގްރޫޕުގައި ހިމެނޭ އިޓަލީގެ ޔުވެންޓަސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ހަންގޭރީގެ ޗެމްޕިއަން ފެރެންސްވަރޯސް އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ މީރްތޯ އުޒޫނީ އެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ މެޗުގެ 35 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލުންނެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އެ ޓީމު މޮޅުވި ލަނޑުޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލްވާރޯ މޮރާޓާ އެވެ.