English Edition
Dhivehi Edition

އަންނަ ޑިސެންބަރ މަހުގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ އެއިޑްސް ދުވަސް ކަމަށްވުމާއެކު އެދުވަހުންފެށިގެން 1 ހަފްތާ ވަންދެން ވާޗުއަލްކޮށް ރަތް ރިބަން ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ނެރުނު ސާކިއުލަރ ގައިވާގޮތުން އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެއްހަފްތާގެ މުއްދަތަށް މިއަހަރު ބޭނުންކުރާ ރަތް ރިބަނުގެ ބަދަލުގައި، ކުރިމަތިވެފައިމިވާ ކޮވިޑް 19 ގެ މިޙާލަތުގައި ރަތް ރިބަލް ބޭނުންކުރާނީ ވާޗުއަލް ކޮށެވެ. މިކަމަކީ އެއިޑްސް ބަލިން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކަންކަމުގައި ހުރިހާ ބޭފުޅުން ޝާމިލް ވުމަށާއި އަދި ބަލިޖެހިފައިތިބޭ މީހުން މުޖުތަމަޢުގައި ބާކީކޮށް އެކަހެރިކޮށް ނުލުމަށް ހުރިހާ ފަރާތްތަކުން ކަނޑައަޅާފައިވާ ކަނޑައެޅުން ރަމްޒުކޮށް ދިނުމަށްޓަކައި ކުރެވެމުންދާ މުހިއްމު ކަމެކެވެ.

އިދާރާތަކުން މިޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން ވާޗުއަލް ރަތް ރިބަން މީސްމީޑިއާގެ އެކި ވަސީލަތް ތަކުގައި ބޭނުންކޮށްދިނުމަކީ އެ އެޖެންސީން އެދޭ ކަމެކެވެ. މީގެ އިތުރުން ޓީވީ ތަކުން މިމުއްދަތުގައި ޓީވީ ޕްރޮގްރާމްތައް ކުރިއަށްދާ ވަގުތު ރަތްރިބަން ލޯގޯ ޓީވީން އެރުވުމަށްވެސް ސާކިއުލާ ގައި އެދިފައިވެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރ މަހުގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ އެއިޑްސް ބައްޔާއި ދެކޮޅަށް އެންމެން އެކުއެކީގައި މަސައްކަތް ކުރާ ދުވަހެވެ. 1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. މިއީ އެއިޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތް ކޮށް ހޭލުންތެރިކަން އިތުރުކުރުމާއި ބަލިފެތުރުމަށް މަގުފަހިވާފަދަ އާދަތަކާ ދުރުހެލިވުމަށް އެހީތެރިވުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެކެވެ. މިއަހަރުގެ އެއިޑްސް ދުވަހުގެ ތީމަކީ ” ގްލޯބަލް ސޮލިޑަރިޓީ، ޝެއަރޑް ރެސްޕޮންސިބިލިޓީ” އެވެ.