English Edition
Dhivehi Edition

ދިވެހި ފިލްމު “ހައްދު” މިއަދު ހަވީރު ޕްރިމިއާ ކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ތައްޔާރުވެއްޖެ އެވެ.މިއަދު ހަވީރު ހަތަރެއްޖަހާއިރު ފިލްމްގެ ރެޑް ކާޕެޓް އިވެންޓް މާލޭ ޝްވެކް ސިނަމާގައި ބޭއްވުމަށް ފަހު، 5:00 ގައި މީޑިއާތަކަށް ހާއްސަ ސްކްރީނިން އެއް އެ ސިނަމާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބެލުންތެރިންނަށް ބޮޑެތި ސަޕްރައިޒްތަކަކާއެކު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރު އަދި ޕޮރޮޑިއުސަރު އަބްދުލް ފައްތާހުގެ އުއްމީދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފިލްމުގެ ޝޯތައް އެޅުވުންކަމުގައި އޭނާވަނީ ބުނެފައެވެ. މިރޭ މި ފިލްމުގެ ޝޯތައް މާލެއާއި ހުޅުމާލޭގައި ދައްކަން ފަށާއިރު މާދަމާރޭ އައްޑޫ ސިޓީ ހިތަދޫ އަދި މަރަދޫގައި ފިލްމު ޕްރިމިއާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުގެރޭ ހދ.ކުޅުދުއްފުށީގައި ހައްދު ޕްރިމިއާކުރުމަށްވަނީ ހަމަޖެހިފައެވެ. މިފިލްމުގެ ޕްރިމިއާ ޝޯއިން ފެށިގެން ހުރިހާ ޝޯއެއްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ.

ކާމިޔާބު ބާރަ ފިލްމު އުފައްދާފައިވާ ފައްތާހު ބުނީ ހައްދު ފިލްމަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ ދާއިރާ އިން ހޯދާފައިވާ ރިކޯޑުތައް މުގުރާލެވޭނެ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން ފައްތާހު ބުނެފައިވަނީ “ހައްދު” އަކީ ބެލުންތެރިން ބޭނުން ވާނެ ހުރިހާ ރަހައެއް އެކުލެވޭ މޮޅު އަދި ފުރިހަމަ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. ސަޕޯޓިން ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު، އާރިފާ އިބްރާހީމް، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ،ނުޒުހަތު ޝުއައިބު، މަރިޔަމް ހަލީމް، އަހުމަދު ނަޖާހް އަދި ގުލިސްތާން ފަދަ އެކްޓަރުން ހިމެނެ އެވެ.

މި ފިލްމުގައި އަމިއްލ ރާގުގެ ފަސްލަވަ ހިމެނޭ އިރު ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ފިޔަވާ ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ މަރިޔަމް އަޝްފާ އެވެ