އަމްޖޭގެ ފިލްމު “ރޭވުމުން” ވެގެން ދާނީ ބިރުވެރި ފިލްމަށް ލޯބި ކުރާ ފަރާތްތަކަށް ހިތްގައިމު ފިލްމެއް ބަލާލަން ލިބޭ ރަނުގެ ފުރުޞަތަކަށެވެ
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ “ސަނދުރަވިރޭ” އާއި “އުދަބާނި” ފަދަ ފިލްމުތައް ޑައިރެކްޓުކުރި މަޝްހޫރު، ކުޅަދާނަ ޑައިރެކްޓަރ އަމްޖޭ މިފަހަރު ގެނެސްދެނީ ” ރޭވުމުން” ނެވެ
2011 ވަނަ އަހަރު ނިކުތް އަމްޖޭގެ “ހިތޭދޭމީ” އަށްފަހު އަހަރު ތަކެއް އޭނާގެ ފިލްމެއް ނުފެނި ދިޔުމަށްފަހު މި ފަހަރު މިނެރޭ ފިލްމަކީ އަމްޖޭގެ 52 ވަނަ ފިލްމެވެ. މިމަހުގެ 24 ވަނަ ދުވަހު ރިލީސް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓްތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެއެވެ
ފިލްމުގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ޝާއިޢުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ ޝެއާ ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް 2 ޓިކެޓް ހިލޭ ދޭ ގޮތަށް ވަނީ ނިންމާފައެވެ
ބިރުވެރި ފިލްމެއް ނަމަވެސް މި ފިލްމު ތައްޔާރު ކޮށްފައިވާނީ މިވަގުތު މުޖުތަމަޢުގައި ހުރި ބައެއް މައްސަލަތަކުގެ މައްޗަށް ބިނާކޮށް ޚާއްޞަކޮށް ގޯތި ގެދޮރުގެ ދަތިކަމަށް އަލިއަޅުވާފައި ވާނެކަމަށް އަމްޖޭ ވިދާޅުވިއެވެ. މިފިލްމުގެ ގިނަ މަންޒަރުތައް ނަގާފައިވަނީ ހުޅުމާލޭގައެވެ
މިފިލްމުގެ ލީޑް ކާސްޓުންގެ ގޮތުގައި މުޙައްމަދު މަނިކާއި އަލަށް ތަޢާރަފްވާ ތަރި ނާއިފާ އަޒޫރު (ނާ) ފެނިގެން ދާއިރު އިތުރު ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، މުޙައްމަދު ޝާޒް(ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ރޯނު ހަސަން މަނިކު ހިމެނެއެވެ. މިފިލްމަކީ އަމްޖޭގެ އަމިއްލަ ޕްރޮޑަކްޝަން އެއް ކަމަށްވާ ޖޭޒް ޕްރޮޑަކްޝަން އިން ރިލީޒް ކުރާ ފިލްމެކެވެ. މިފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި އަމްޖޭ، ޝާޒް އަދި މަނިކު ހިމެނެއެވެ. ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރު ކޮށްފައިވަނީ އަމްޖޭއެވެ
ކެމެރާ ކޮށްފައިވަނީ މަޝްހޫރު ކެމެރާމަން މުޙައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އަޙުމަދު ޒިޔާ އެވެ. ހުސައިން ސޮބާޙު މިޔުޒިކްގެ މަސައްކަތް ކޮށްފައިވާ މި ފިލްމުގައި ޖުމްލަ 4 ލަވަ ހިމެނެއެވެ
މިއަހަރު ނިކުންނަ އެންމެ ބިރުވެރި ފިލްމަށް މި ފިލްމު ވެގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް އަމްޖޭ ބުންޏެވެ