English Edition
Dhivehi Edition

“ސާކް ފިލްމު ފެސްޓިވަލް 2018” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“ސާކް ފިލްމު ފެސްޓިވަލް 2018” އަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަންއިން އިންތިޒާމް ކޮށްގެން ބާއްވާ ފެސްޓިވަލެކެވެ.

އަންނަ މެއި 22 ން 27 ށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި 02 ކުރު ފިލްމު އަދި 02 ފީޗަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ. މި ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެކަމަށް ވެއެވެ.

ސާކް ފިލްމް ފެސްޓިވަލްތަކުގައި ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގަ އެންމެ މޮޅު ބަތަލާގެ މަޤާމް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އައިޝަތު ރިޝްމީ އަށް ވަނީ ލިބިފައެވެ.

މި ފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 18 އޭޕްރިލް ވާ ބުދަ ދުވަހުގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވަން ޖެހެއެވެ.