ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ލ. ކަޅައިދޫގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ “ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު” ގެ މަޝްރޫޢާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި، މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޒުވާނުންގެ ކަންކަން ހަރުދަނާކޮށް، ބާރުވެރިކުރުވައި، ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި، އަދި ޤައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ކަޅައިދޫގައި ބިނާކުރާ މި މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި، އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ މި މަރުކަޒުގެ މުހިންމު އެއް އަމާޒުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާ ކުރައްވާފައި ވަނީ، އެ މަޝްރޫޢުގައި ބައިވެރިވާ ވުޒާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުންނެވެ. އެގޮތުން، ބައްދަލުވުމުގެ ބައިވެރިން ވަނީ، އެ މަޝްރޫޢާ ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލާއި ވިސްނުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
ކަޅައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެ މަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ބިނާކުރާ މަރުކަޒެކެވެ. އަދި އެ މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަޞީލަތްތައް އެ ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ހުސްވި ހަފުތާ ބަންދުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ލ. ކަޅައިދޫއަށް ވަޑައިގެން، “ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު” ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދު ބައްލަވައިލައްވާފައެވެ.