English Edition
Dhivehi Edition

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް މުޅި ރާއްޖޭގައި މުޒާހަރާ ކުުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ މުޒާހަރާ ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރުކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަިއގެ އަޑުއެހުންތައް ނިންމާލިތާ ތިން މަސްވާން ކައިރިވެފައިވާއިރު ވެސް ހުކުމެއް ނުކޮށްއޮތުމުން ކަންބޮޑުވާ ކަމަށެވެ. އަދި މިކަން ތައް ދިގުލައިގެން ދަނީ އެމްޑީޕީއާ ސަރުކާރުގެ ނުފޫޒުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ހޮނިހިރު ދުވަހު މުޒާހަރާ ކުރިއަށް ގެންދާނީ “އަނިޔާއާ ދެކޮޅަށް ރާއްޖެ” މި ނަމުގައެވެ. އަދި އެ ދުވަހު ފެށޭ މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.