English Edition
Dhivehi Edition
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރަންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 40 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،599 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 91.99 އިންސައްތަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،608 އަށް އަރައިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,763 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 344 މީހަކު އެބަތިއްބެވެ. މިވަގުތު ކޮވިޑް-19 އަށް ރާއްޖޭގައި 956 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ހޮސްޕިޓަލްތަކުގައި 86 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި 3 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ލ. ގަމު ކޮވިޑް ފެސިލިޓީގައި އަންނަނީ 2 މީހަކަށް ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 46 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެހިންނާއި 08 ބިދޭސީންނެވެ.