English Edition
Dhivehi Edition

ސ.މީދޫ މުލިމަތި ޔުނައިޓެޑްގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ހިންގާކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށާއި ވޮލިންޓިއަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.މުލިމަތި ޔުނައިޓެޑުން ބުނީ އެ ޖަމްޢިއްޔާގެ ހިންގާކޮމިޓީގެ މުއްދަތު ހަމަވުމުގެ 30 ދުވަސްކުރިން އައު ކޮމިޓީއެއް ނަގަންޖެހޭތީ ޖަމްޢިއްޔާގެ މެމްބަރުންނަށް މި ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ޖަމްޢިއްޔާގެ ހިންގާކޮމިޓީއަށް އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި:

 

  • ރައީސް
  • ނާއިބު ރައީސް
  • ޚަޒާންދާރު
  • ސެކްރެޓަރީ
  • 2 ޢާންމު މެމްބަރުން
  • ޔޫތު ލީޑާރ

އެ ޖަމްމިއްޔާ ބުނީ މި މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖަމްޢިއްޔާގެ މެމްބަރަކަށްވުމާއި ޢުމުރުން 18 އަހަރަށްވުރެ މަތީގެ މީހަކަށްވުމާއި އަދި ޝަރުޢީ ނުވަތަ ޤާނޫނީ ބަންދެއްގައި ނެތް މީހަކަށްވުން ހިމެނެއެވެ. މީގެ އިތުރުން އެ ޖަމްމިއްޔާގެ ވޮލިންޓިއަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައިވާއިރު ވޮލެންޓިއަރ ކުރުމަށް ބޭނުންވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތަށް އަހައްމިއްޔަތު ދޭ މީހެއް ކަމުގައިވުމާއި 18 އަހަރުންދަށުގެ ކުއްޖެއްނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތުމާއި ޖަމްޢިއްޔާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އެހީތެރިވެދޭ މީހެއްކަމުގައިވުމުގެ އިތުރުން ޝަރުޢީ ނުވަތަ ޤާނޫނީ ބަންދެއްގައި ނެތް މީހަކަށްވުން ހިމެނެއެވެ.

ހިންގާކޮމިޓީގެ މެމްބަރުންގެ ގޮތުގައި އަދި ވޮލިންޓިއަރުން ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ އިރު، މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރުމަށް އެ އެޖަމްޢިއްޔާއިން ވަނީ އެދިފައެވެ. އަދި މި ފޯމް މުލިމަތި ޔުނައިޓެޑްގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެ ކަމަށާއި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުމުން ފޮނުވަންވާނީ [email protected] އަށް ކަމަށްވެސް ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މުލިމަތި ޔުނައިޓެޑްއިން ބުނީ އާންމުންނަށް މި ފުރުސަތު ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖްތަމައުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންނަށް ފުރުސަތު ހޯދައިދިނުމުގެ އިތުރުން ޖަމްމިއްޔާ ޖަމާއަތްތަކަށް އިތުރު ތަމްރީންތައް ހޯދުމަށް ލިބޭ ފުރުސަތުތައްވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުންކަމަށެވެ.

މުލިމަތި ޔުނައިޓެޑަކީ 2012ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީ މީދޫގެ އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޖަމްމިއްޔާއެވެ. މި ޖަމްމިއްޔާއިންވަނީ ފާއިތުވެދިޔަ 08 އަހަރު މީދޫގައި އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.