English Edition
Dhivehi Edition
މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ޓޮޓެންހަމް ހޮޓްސްޕާގެ ސޮން ހެއުން-މިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާ ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ޓޮޓެންހަމް މިހާތަނަށް ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދާފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޗެލްސީ އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ތިންވަނައިގައި ލެސްޓާ ސިޓީ އޮތްއިރު ޗެލްސީ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ސިޓީ އޮތީ 12 ޕޮއިންޓާއެކު ލީގުގެ 11 ވަނައިގައެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ ފަސްވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ލީގުގައި އޭނާ ޖެހި ނުވަވަނަ ގޯލެވެ. އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓްގެ ގޯލުން ހަމަހަމަކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ބޯޅަ ފޮނުވާލުމުގެ ކުރީން އެ ޓީމުގެ ގެބްރިއެލް ޖެސޫސްގެ އަތުގައި ބޯޅައިން ޖެހުނު ކަމަށް ނިންމައި އެ ގޯލް ބަލައިނުގަނެފައެވެ.

ދެވަނަ ހާފު ފެށިގެން ސިޓީން ކުރިއަށްޖެހި ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި ވަގުތު އޭގެ ފައިދާނަގައި ޓޮޓެންހަމުން ލީޑް ފުޅާކުރީ 65 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ޖެހި ލަނޑުންނެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ލޮ ސެލްސޯ ކުޅެން ނިކުތްތާ 35 ވަރަކަށް ސިކުންތުގެ ތެރޭގައި ކާމިޔާބުކުރި ގޯލެކެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ލީޑް ފުޅާކުރުމަށް ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ވެސްޓްބްރޮމްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

ޗެލްސީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 65 ވަނަ މިނެޓުގައި ޓެމީ އެބްރެހަމް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފޯވާޑް ވާނާ، ނިއުކާސަލްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހުސްކޮށްލާފާ އެބްރަހަމް އަށް ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. ނިއުކާސަލް އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޝޯން ލޯންގްސްޓާފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ލީގުގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި މޮޅުވެފައެވެ. ރޭގެ މެޗުގައި ވެސްޓްބްރޮމް ކޮޅަށް އެ ޓީމުން ވައްދާލި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ޕެނަލްޓީއޭރިޔާތެރެއިން ވެސްޓްބްރޮމްގެ ޑާނެލް ފާލޯންގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

މި ޕެނަލްޓީ ފުރަތަމަ ފަހަރު ފޮނުވާލުމުން ވެސްޓްބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯން މަތަކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ބޯޅަ ފެނާންޑޭސް ފޮނުވާލުމުގެ ކުރީން ޖޯންސްޓޯން ރޮނގުމަތީން ކުރިއަށް ނިކުތްކަމަށް ނިންމައި ދެވަނަ ފަހަރަށް އެ ޕެނަލްޓީ ފޮނުވާލަން ބުނެފައެވެ. އޭގެކުރީން، މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ވެސްޓްބްރޮމް އަށް ޕެނަލްޓީއެއް ދޭން ނިންމުމަށްފަހު ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ނިންމުން ބަދަލުކޮށްފައެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ 13 ޕޮއިންޓް ހަމަކޮށް ތާވަލްގެ ނުވަވަނަ އަށް ޖެހިލާފައެވެ. ވެސްޓްބްރޮމް އޮތީ ތިން ޕޮއިންޓާއެކު 18 ވަނައިގައެވެ.