English Edition
Dhivehi Edition

“ކީއްވެ ކަންކަމާ އެހާ ބިރުގަންނަނީ” އިމްޖާދު ވާހަކަ ދައްކަން ފެށީ ދުރުދުރުންނެވެ.

“ބިރު އެބަ ގަނޭތަ؟ މިހާރުވެސް ހަަމަ އަނދިރީގަ މިއޮތީއެއްނު” ހެމުން ހެމުން ކިއާރާ ޖަވާބު ދިނެވެ.

“އަހަރެން ހީކުރީ ކޮންމެ ރެއަކު އައިސް އަހަރެންގެ ރޫމުގައި އިންނަނީ ބިރުން ކަމަށް” ޕޫލް ގޮނޑިއެއްގައި ހަމަޖެހިލަމުން އިމްޖާދު ބުނެލިއެވެ.

“ފުރަތަމަ ރޭ އެއީ ހަމަ އަސްލު ބިރުން. ގުގުރާ އަޑު އިވުނީމާ ވަރަށް ބިރުގަނޭ. ނަސީބެއް އިމްޖާދު ކަހަލަ މީހަކާ ދިމާވިކަންވެސް” ކިއާރާގެ އަޑުގައި ސީރިއަސް ކަމެއް ނެތެވެ.

“ދެން…. ދެވަނަ ރޭ؟” އިމްޖާދު ސީދާ ޕޮއިންޓަށް ދިޔައެވެ. އެސުވާލުގެ އަޑަށް ކިއާރާ ދޫކޮށްލީ ފުންނޭވާއެކެވެ.

“އަހަރެން ދިޔައީ ކުޑަކޮށް ހަމަޖެހިލަން. ކަންބޮޑުވީމަ އެކަނި ރޫމްގައި ހުންނަން ބިރުގަތީ. އިރުކޮޅަކަށް އިމްޖާދުގެ ރޫމުގައި ހުރެލެވުނީމަ އޯކޭ ވީ” މިފަހަރު ކިއާރާގެ އަޑުގައި ކުރީގެ މަޖާ ގޮތެއް ނެތެވެ.

“ކީއްވެ ކަންބޮޑުވީ….؟” އަދިވެސް ދޫކުރާކަށް އިމްޖާދު ބޭނުމެއް ނުވިއެވެ.

“ފިރިމީހާ އާއި ފައިޓެއް ހިންގާފައި….” މިފަހަރު ކިއާރާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“ފިރިމީހާ؟؟؟” ސިހިފައި އިމްޖާދަށް އަހާލެވުނެވެ. ކިއާރާ އަކީ މީހެއްގެ އަންބެއްކަން އޭނާއަށް މިއެނގުނީ އަދި ކިރިއާއެވެ.

“އާނ…އެކަމަކު މިހާރެއް ނޫން…މިހާރު ނުބުނެވޭނެ އެއީ ފިރިމީހާއެކޭ” އުޑުން ފެންނަން ހުރި މަދު ތަރިތަކަށް ބަލަން އޮވެ ކިއާރާ ޖަވާބު ދިނެވެ.

“އެއީ…؟” ކިއާރާގެ ކޮންމެ ޖަވާބެއް އިމްޖާދަށް ހީވަނީ ގަރުނުގެ ބޮޑު އަޖައިބެއްހެންނެވެ.

“މިބުނީ…އެކަން ނިމުނު ވާހަކަ..އަހަރެން ވަރިވާން ބޭނުންވީ…އެންމެ ފަހުން އޭނާ އެކަންކުރީ…” ކިއާރާ ބުނެލިއެވެ.

އަނެއްކާވެސް އިތުރު ހައިރާން ކަމެކެވެ. މި ކުއްޖާއާއި ވާހަކަ ދެއްކި ދެއްކިހެން އިމްޖާދުގެ ކަންބޮޑުވުން ވީ އިތުރެވެ. ސުވާލުތައް ވީ ގިނައެވެ.

“ކީއްވެ ވަރިވާން ބޭނުންވީ؟ އެހެންމީހަކު ފެނުނީތަ؟ ހަމަ ގައިމު ސަބަބެއް އޮންނާނެއެއްނު؟” ކިއާރާގެ ވާހަކަ އަޑުއަހަން އިމްޖާދު އިނީ ކެއްމަދުވެފައެވެ.

“މަށަަކަށް ނޫން ފެނުނީ. އޭނައަށް. އެންމެ މީހެއްވެސް ނޫން. އެތައް ބައިވަރު. އަހަރެމެން މެރީކުރި ފަހުން މި ނޫން ދުވަހެއް ނާދޭ. އެންމެ ފަހުން ކެތް ނުވީމާ ބުނީ ދޫކޮށްލާށޭ” ކިއާރާގެ އަޑުގައި ވާ ރިހުން އިމްޖާދަށް ފާހަގަކުރެވުނެވެ.

މިހާރީތި އަދި ކިޔަވައިގެން އިން މޮޅު ކުއްޖަކު އަންބެއްގެ ގޮތުގައި ލިބުނީމާ އެހެން އަންހެންކުދިންގެ ފަހަތުން ދުވާނީ ހަމަ މޮޔައެކޭ އިމްޖާދުގެ ހިތަށް އެރިއެވެ.

“އަހަރެން މިކޮޅަށް އައިރޭ ކޮންމެވެސް އަންހެންކުއްޖަކު ގުޅާފައި އަހަންނަށް މަލާމާތް ކުރި. ބުނީ ކަލޭގެ ފިރިމީހާ މިއޮތީ ތިމަންނަ ކާރީގައޭ. ކަލޭ ކަޑަވީމަ ނޫންހޭ އެހެންމީހުންގެ ގާތަށް ދާނީ. ފިރިމީހާ ވާހަކަ ދެއްކި އަޑުވެސް އިވުނު. މިކަހަލަ ކިތަންމެ ކަމެއް ދިމާވެފައިހުރީ ފާއިތުވި 2 އަހަރު ތެރޭ. އެހެންވެ އެންމެ ފަހުން މިކަންތަކުން ސަލާމަތް ވާން ބޭނުންވީ. އަމިއްލަ ގަދަރާއި އިއްޒަތް އެހެންމީހުން ކުޅޭ ކުޅިވަރަކަށް ވުމަށް ބޭނުން ނުވީ. އަހަންނަށް އެނގޭ އޭނާ ދުވަހަކުވެސް ރަނގަޅެއް ނުވާނެކަން. މެރީ ކުރީ ވަރަށް ލޯބިން. އެކަމަކު ހަނީމޫން ދުވަސްވަރުވެސް ވަގުބިޓެއް ގެންގުޅުނުކަން ފަޅާއެރި. ފަހުން ވަރަށް ދެރަވެފައި މާފަށް އެދުނީމަ ފުރުސަތު ދިނީ” ހަމަޖެހޭގޮތް ދައްކަމުން ވާހަކަ ދެއްކި ނަމަވެސް އޭނާގެ އެސްފިޔަތަކުގެ ދަށުން ނިރާލި ކަރުނަ ތިކިތައް އެފަނޑު އަލިކަމުގައި ވެސް އިމްޖާދަށް ސިއްރެއް ނުވިއެވެ.

“ދެރަނުވޭ..ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް. ތިމާއަށްޓަކައި ކަރުނަ ނާޅާ މީހެއްގެ ނަމުގައި ތިމާގެ ލޮލުން ކަރުނަ ހިލިޔަ ދީގެން ނުވާނެ. އިންސާނުންގެ ކަރުނައަކީ ވަރަށް އަގުބޮޑު އެއްޗެއް. ބައެއްފަހަރު ތިމާގެ އަތުން އެއްޗެއް ބީވެގެންދާނީ އެއަށްވުރެ މާރަނގަޅު އެއްޗެއް ތިމާއަށް ލިބުމަށް ތަގްދީރުގައި އޮތީމާ. އެގޮތަށް ވިސްނާ. އޭރުން ހިތްވަރު ލިބޭނެ” އިމްޖާދު ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައެވެ.

“ތޭންކްސް” ފުސްވެފައިވާ ދެލޮލުން އިމްޖާދަށް ބަލާލަމުން ކިއާރާ ހިނިތުންވެލިއެވެ.

“މަށެއް ނުރޮމޭ…ދެން ކުޑަކޮށް އިމޯޝަނަލް ވީ. މިހިރީއެއްނު” ގަދަކަމުން ހީނލަމުން ކިއާރާ ބުނެލިއެވެ.

“ބަރާބަރު” އިމްޖާދު އެހެން ބުނެލި ވަގުތު މިރީތި، ހިތްދަތި އަންހެންކުއްޖާ ގެނެސް އޭނަގެ އަތުގެ ތެރޭގައި ބޮނޑިކޮށްލުމަށް ބޭނުންވިއެވެ. އެންމެ ފުރަތަމަ ރޭ އެދެމީހުން ދިމާވި ގޮތަށް މިވަގުތުވެސް ގަދައަށް ގުގުރާނެ ނަމައޭ އިމްޖާދުގެ ހިތަށް އެރިއެވެ. ކުއްލިއަކަށް ޚިޔާލަށް އައީ ކިއާރާ ބިރުންގޮސް އޭނާގެ ހަށިގަނޑުގައި ބާރަށް ބައްދައިގެން ހުރި މަންޒަރެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޮޔާ ބެހެމުން ދިޔަ އަމިއްލަ ސިކުނޑި ހަމައަކަށް އެޅުމުގައި އިމްޖާދު ކާމިޔާބު ކުރިއެވެ.

އެވަގުތު އިމްޖާދުގެ ފޯން ރިންގުވިއެވެ. ނުވަގުތެއްގައި އައި ކޯލަށް ޖަވާބު ނުދޭނަމޭ ހިތައި ދެތިން ފަހަރަކު ރިންގު ވީ އިރުވެސް ފޯނު ނުނަގާ އިމްޖާދު މަޑުކޮށްލިއެވެ.

“އިމްޖާދުގެ ފޯން ދޯ ރިންގު އެވަނީ” ކިއާރާ އެހެން ބުނުމުން ފޯނު ނަގަން އިމްޖާދަށް މަޖުބޫރުވި ކަހަލައެވެ. ނަމަވެސް ގުޅަނީ ކާކުކަން އެނގުމުން މިވަގުތު މި ކޯލަށް ޖަވާބުދޭން އިމްޖާދު ބޭނުމެއް ނުވިއެވެ. ނަމަވެސް ހުއްޓުމެއް ނެތި ފޯނު ރިންގުވާން ފެށުމުން ގޮނޑީގައި އޮތްގޮތަށް އޮވެ އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ހަލޯ” އިމްޖާދުގެ އަޑުގައި ހުރީ ނުރުހުމެވެ.

“އަހަރެން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ކޯޓު މެދުވެރިކޮށް ދައްކަން ނިންމައިފިން. އެހެންވީމާ ތިކޮޅުން ކުރަންޖެހޭ ކަންތައްތައް އަވަސްކޮށްދިނުން އެދެން” ފޯނުންވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އޭނާގެ އަޑުގައި ވަނީ އަމުރުކުރުމުގެ ގޮތެވެ. އިމްޖާދަށް ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށްފަހު ޖަވާބަކަށް ވެސް އިންތިޒާރުކުރުމެއްނެތި ފޯނު ކަނޑާލީއެވެ.

“ހާދަ ސީރިއަސް ތިވީ.. އަނެއްކާ ކިޔައިދެވޭ ވަރުގެ ވާހަކައެއްބާ؟” ފޯނު ކޯލާއެކު އިމްޖާދަށް އައި ބަދަލު ކިއާރާއަށް ފާހަގަކުރެވުނެވެ.

“އާން…!” ދުނިޔޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ހަޔާތަކީ ހަމަ ދިގު ފިލްމެއް. އެތަކެއް ހާދިސާތަކަކުން ފުރިފައިވާ ވާހަކަތަކެއް…ދުނިޔޭގައި އުޅޭއިރު ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހޭ” މަތި ބަލަހައްޓައިގެން އޮވެ އިމްޖާދު ވާހަކަ ދައްކަމުން ދިޔައެވެ.

“އޭއި..ހާދަވަރަކަށް އިމޯޝަނަލް ތިވީ…އަނެއްކާ ގާލްފްރެންޑްގެ ކޯލެއްބާ؟” ކިއާރާ އިމްޖާދާ ދިމާކޮށްލިއެވެ.

“ގާލްފްރެންޑެއް ނޫން..ވައިފް އެއީ….!” ދެލޯމަރާލަމުން އިމްޖާދު ބުނެލިއެވެ. ކިއާރާއަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް މި ދިމާވި ގޮތަކުން ކިއާރާގެ ސުވާލުތަކަށް ޖަވާބުދޭން އޭނައަށް މަޖުބޫރުވާނެއެވެ.

“ވައިފް؟؟؟” ހައިރާންކަން އެކުލެވޭ އަޑަކުން ކިއާރާ ސުވާލުކޮށްލިއެވެ.

-ނުނިމޭ-